ގައިންގަޔަށް ނާރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ސިއްހީ އާދަތަކަށް ޅައިރުއްސުރެ އަހުލުވެރިވުމަކީ މުހިއްމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ހަކުރުބަލީގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ކެއިންބުއިމާއި، ހަރަކާތްތެރިވުމާއި، ދުވަހުގެ ތާވަލު ރާވާލުމުގައިވެސް ސިއްހަތަށް ސަމާލުވާން ޖެހޭ ކަމަށެވެ. އަދި ހަށިގަނޑަށް ގެއްލުން ހުރި ކަންކަމާ ދުރުހެލިވުމުގެ ތަރުބިއްޔަތު ލިބިގަންނަން ޖެހޭ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުވަނީ މިގޮތުން، މިކަންކަމަށް މުޖްތަމައު ހޭލުންތެރި ކުރުމަށް އަމިއްލަ ޖަމާއަތްތަކާއި ފަރުދުންގެ ފެންވަރުގައިވެސް ކުރައްވާ މަަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.
”ދިވެހީންނަކީ ބަލިތަކާ ދުރު ދުޅަހެޔޮ ބަޔެއްގެ ގޮތުގައި ދެމިތިބެ، ޤައުމު ބިނާކޮށް ބާއްޖަވެރި ދިރިއުޅުމެއް ހޯދުމުގެ ޢަޒުމު މިފަދަ ކޮންމެ ދުވަހަކުމެ އަޅުގަނޑުމެން އާކުރަން ވާނެ.“ރައީސް ވިދާޅުވިއެވެ.
މިއަދަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ ހަކުރު ބަލީގެ ދުވަހެވެ. އިންޓަނޭޝަނަލް ޑައިބެޓިކް ފެޑެރޭޝަން، (އައިޑީއެފް) އިން ބުނީ ދުނިޔޭގެ އާބާދީގެ ކޮންމެ ދެމީހަކުން އެކަކަކީ ހަކުރު ބަލި ޖެހިފައިވާ މީހެއް ނަމަވެސް ބަލިޖެހިފައިވާކަން ނޭންގޭ ހާލަތްތައްވެސް ދިމާވެފައިވާ ކަމަށެވެ.





