މީގެ ކުރިން ވެރިކަންކުރެއްވި ރައީސުންނަށް ކެރިވަޑައިނުގެންނެވި އެތައް ކަމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާ މިހާރު ތަންފީޒުކުރައްވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުމާއި ގުޅިގެން ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓާވިއުއެއްގައެވެ.
ނައިބު ރައީސް ވިދާޅުވީ ކިތަންމެ ގިނަ ރަނގަޅު ނިންމުމެއް ނިންމެވިކަމުގައި ވީނަމަވެސް ސަރުކާރުގެ ސިޔާސަތުތަކަށް އިދިކޮޅުން ފާޑުކިޔުމަކީ ރާއްޖޭގެ އާދަ ކަމަށެވެ. އަދި ފެންނަމުންދަނީ ރައްޔިތުން ގަބޫލުކުރާ ރަނގަޅު ނިންމެވުންތަކެއް ނިންމަވަމުންގެންދަވާ ތަން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒު ކުރައްވަމުން ގެންދަވާކަން ފާހަގަ ކުރައްވާ ނައިބު ރައީސް ވިދާޅުވީ ރައީސް މުއިއްޒުއަކީ ސިޔާސީ އެހެން ލީޑަރުންނަށް އަޅުއްވަން ކެރިވަޑައިނުގަތް ފިޔަވަޅުތަކެއް އެޅުއްވި ޖެހިލުން ކުޑަ ސިޔާސީ ލީޑަރެއް ކަމަށެވެ.
ހަމައެހެންމެ ސަރުކާރުން ނިންމެވުންތައް ނިންމަވަމުންގެންދަވާއިރު މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ފައްޓަވާދެއްވީވެސް ރައީސް މުއިއްޒުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި ތަންފީޒުކުރާ އިދާރާތަކަށް ގާނޫނީ ބާރުވެރިކަންދީ، އެ މީހުން އަނބުރާ މުޖުތަމައަށް ނެރެވޭނެ ރީހެބިލިޓޭޝަން ނިޒާމުތައް ހަރުދަނާކުރެއްވީވެސް ރައީސް މުއިއްޒު ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އަދުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ގައުމަށް ކުރިމަތިވެފައިއޮތް ދަތި ހާލަތުން އަރައިގަނެވުނީ ރައީސް މުއިއްޒުގެ ހިކުމަތްތެރި ނިންމުންތަކާއި ދުރު ވިސްނޭ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. އަދި އިގްތިސާދާއި ދިވެހި މާލިއްޔަތު ހަމަމަގަށް އަޅުވައި ތަރައްގީގެ ދުވެލި ސީދާ މަގަށް މިސްރާބުކުރުމަށް މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގެންފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
”އަޅުގަނޑުމެން 2018 ގައި ޕީޕީއެމްގެ ސުޕާ މެޖޯރިޓީ އޮތް އިރު ކިހިނެއްތޯ ކަންކުރީ. ރައީސް ސާލިހުގެ ސަރުކާރުން ބޭނުންފުޅުވި ގޮތަށް ބަޖެޓު ފާސްކޮށްދިނީ. ބަޖެޓު ކޮމިޓީގެ މުގައްރިރުކަންވެސް ދިނީ އެމްޑީޕީގެ މެންބަރަކަށް.“ ނައިބު ރައީސް ވިދާޅުވިއެވެ.




