- އިސްތިހާރު -spot_img

”މޯލްޑިވްސް 2.0 ވެގެންދާނީ ދިވެހިރާއްޖެ ބަދަލުކޮށްލާނެ މަސައްކަތަކަށް“

”މޯލްޑިވްސް 2.0″ މަޝްރޫއު ވެގެންދާނީ ދިވެހިރާއްޖޭގެ މުސްތަގުބަލުގެ ތާރީހު ބަދަލުކޮށްލާނެ މަސައްކަތެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި“ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104“ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ގޮތެއްގައި ހިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް، ޑިޖިޓަލް އާ ޒަމާނަކަށް ރާއްޖެ ވާސިލްކޮށްދިނުމަށް ހިންގަންފަށާފައިވާ ”މޯލްޑިވްސް 2.0“ ގެ މަޝްރޫއަކީ ރައީސްގެ ހާއްސަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާއަށް ގެންދިއުމަށް އިފްތިތާޙް ކުރައްވާފައިވާ ޕްރޮގްރާމެއް ކަމަށެވެ.

މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށް ގެންދާ މޯލްޑިވްސް 2.0 މަޝްރޫއުގެ ދަށުން ހުރިހާ ހިދުމަތެއް ޑިޖިޓަލައިޒްކޮށް ފޯރުކޮށްދޭންފެށި ސަރުކާރުގެ ފުރަތަމަ އިދާރާއަކީ މޯލްޑިވްސް އިމިގްރޭޝަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެންސްޕާގެ ބައެއް ހިދުމަތްތައްވެސް މި ވިއުގައިން މިހާރު ދޭން ފަށާފައިވާ ކަމަށެވެ. އަދި މުޅި ސިއްހީ ދާއިރާއަށް މިކަން ތައާރަފުވުމާއެކު ހުރިހާ ރައްޔިތުންނަށް އެކަމުގެ ފައިދާކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ އިހްލާސްތެރިކަމާއެކު ކަންކަންކުރާނަމަ، މައްސަލައިގެ މުލާ ހިސާބަށް ރިއާޔަތް ކުރަންޖެހޭނެ ކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ މޯލްޑިވްސް 2.0 އަކީ، ކޮރަޕްޝަންގެ ނުބައި އަމަލަށް އެޅޭނެ ބޮޑު ހުރަހެއް ކަމަށްވެސް ފާހަގަކުރައްވާފައެވެ. އަދި އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ، އެކަމުގެ ހެޔޮ ނަތީޖާ، ޑިޖިޓަލް އިގްތިސާދުން ފެނިގެންދާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2040 ވަނަ އަހަރު އަންނައިރު ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަކީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އަދި ސަރުކާރުން ކަންކަން ކުރައްވަނީ ރޭވުންތެރިކަމާއެކު، ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރެއްވުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން 20 އަހަރުގެ ނޭޝަނަލް ޑިވަލޮޕްމަންޓް ޕްލޭންގެ ވައުދުވެ ވަޑައިގެންނެވި ގޮތަށް ކޮންމެ ކަމެއްވެސް ކުރައްވަނީ މަޝްވަރާގެ ތެރެއިން ކަމަށް ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި