- އިސްތިހާރު -spot_img

ރައީސްގެ ވައުދުފުޅާއެއްގޮތަށް ދަތުރުފަތުރާއިބެހޭ ވުޒާރާގެ ގިނަ މަޝްރޫއުތައް ކާމިޔާބު!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވަނީ ގައުމީ ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށް ފަސޭހަ އަދި ރައްކާތެރި ދަތުުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމުގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައެވެ.

އެގޮތުން އޭވިއޭޝަންގެ ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ވަރުގަދަކުރުމުގެ މަސައްކަތުގެ ސަބަބުން އިންޓާނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނާއިޒޭޝަން އައިކާއޯގެ ޔުނިވާސަލް ސޭފްޓީ އޯވަސައިޓް އޮޑިޓްގައި ރާއްޖޭއަށް ލިބުނު ސްކޯ، %64.95  އިން %77.84 އަށް މަތިކުރެވިފައިވެއެވެ. މީގެ އިތުރުން މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭ) އައިކާއޯގެ މިންގަނޑުތަކާއި އެއްގޮތަށް ރީސްޓްރަކްޗާ ކުރެވި، ދަތުރުފަތުރެ ސަލާމަތާއި ރައްކާތެރިކަން ހަރުދަނާކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުގެ ނަމުގައި އިދާރާއެއްވެސް އުފައްދާފައިވެއެވެ.

މިއީ ރައީސްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން ދަތުރުފަތުރާއިބެހޭ ވަޒީރު، މުހައްމަދު އަމީން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާފައިވާ ކާމިޔާބު މަސައްކަތެއްކަން ފާހަގަކުރެވެއެވެ.

ހަމައެހެންމެ ވައިގެ އުދުހުންތަކުގެ ދާއިރާ ތަރައްގީ ކުރުމަށް ރައީސް ދެއްވި އިސްކަމާއިއެކު ގައުމީ އެއާލައިން މޯލްޑިވިއަންގެ މާލީ ހާލަތު ރަނގަޅުކޮށް ދުރުރާސްތާގެ ދަތުރުތަކަށް ވައިޑްބޮޑީ އެއާކްރާފްޓް ގެނެސް އޮޕަރޭޝަން ފަށާފައިވާއިރު އެތެރޭގެ އުދުހުންތަކަށް 2024 ދެ އޭޓީއާރު މަތިންދާ ބޯޓު ގެނެސް ފްލީޓު އާ ކޮށްފައިވެއެވެ.

މީގެ އިތުރުން ހަނިމާދޫ އާއި އިންޑިއާގެ ޓްރިވެންޑްރަމްއާއި ދެމެދު މޯލްޑިވިއަންއިން ކުރަމުން އައި ދަތުރުތައް އަލުން ފަށާފައިވެއެވެ. އަދި ރައީސްގެ ސަރުކާރުން އަލަށް ދޭން ފެއްޓެވި ހިދުމަތްތަކުގެ ތެރޭގައި ފުރިހަމަ މެޑިކަލް އިކުއިޕްމަންޓުތަކާއިއެކު އެއާ އެމްބިއުލަންސްގެ ހިދުމަތަކީ ފާހަގަކޮށްލެވޭ ހިދުމަތެކެވެ. މިހާތަނަށް އެއާ އެމްބިއުލަންސްގައި 1800 ފަރާތަކަށް ހިދުމަތް ދެވިފައިވެއެވެ.

އިންފްރާސްޓްރަކްޗާގެ ގޮތުން މާފަރު އެއާޕޯޓްވަނީ ކޮމާޝަލް އޮޕަރޭޝަންގައި ބޭނުންކުރާ އެންމެ ބޮޑެތި ބޯޓުތައް ޖެއްސޭގޮތަށް ތަރައްގީ ކޮށް ހުޅުވާފައެވެ. ހަމައެހެންމެ އިތުރު ވިޔަފާރިތަކަށް ޖާގަ ހޯދާއިދިނުމަށް ރާއްޖޭގައި ސީޓް އެއާ ކާގޯގެ ހިދުމަތް ވަޒީރު އަމީންގެ އިރުޝާދުގެ ދަށުން ފަށާފައިވާކަންވެސް ފާހަގަކުރެވެއެވެ.

އެއްގަމު ދަތުރުފަތުރުގެ ދާއިރާގައި ވެހިކަލްގެ އަހަރީ ފީއާއި ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ ނިޒާމެއް ގާއިމުކޮށް ވެހިކަލްގެ ވެރިފަރާތްތަކަށް މާލީ ލުއިފަސޭހަތަކެއް ލިބިގެންގޮސްފައިވާއިރު ލައިސަންސް ދޫކުރުން ހަރުދަނާ ކުރުމުގެ ގޮތުން ބިދޭސީންނަށް ފޮރިން ލައިސަންސް ދޫކުރުމަށް އަމަލީ އިމްތިހާން ލާޒިމްކޯށްފައިވެއެވެ. ރައީސް މުއިއްޒުގެ އަމާޒަކީ ރާއްޖޭގެ އެހެނިހެން ދާއިރާތަކަށްވެސް ސަރުކާރުން ގެންނަވަމުންގެންދަވާ ތަރައްގީ އެކޭ އެއް ފަދައިން ދަތުރުފަތުރުގެ ހިދުމަތުގެ ދާއިރާއިންވެސް ވަށާ ޖެހޭ ކުރިއެރުމާއި ތަރައްގީ ގެނެސްދެއްވުުން ކަމަށް ދަތުރުފަތުރާއިބެހޭ ވުޒާރާއިން ބުނެފައިވެއެވެ.

ދަތުރުފަތުރާއި ބެހޭ ވަޒީރު އަމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރިފައިވާއިރު ރިޔާސީ ވައުދުފުޅައި ގުޅުންހުރި މަސައްކަތްތަކުގައި އެވުޒާރާގެ މައިގަނޑު ތިން ދާއިރާ، މެރިޓައިމް، ލޭންޑް ޓްރާންސްޕޯޓް ދާއިރާ އަދި ސިވިލް އޭވިއޭޝަންގެ ދާއިރާއެއް ހިމެނޭ ކަމަށެވެ. އަދި މި ތިން ދާއިރާ ބަލާއިރު ދެ އަހަރު ވަރަށް ގިނަ ކަންތައްތައް ކުރެވިފައިވާއިރު ބައެއް ކަންތައްތަކަކީ ބޯޓު ބިލްޑިން ނޫނީ ސަފާރީ ގެންގުޅޭ ފަރާތްތައް ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތައް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެގޮތުން ބެއާ ބޯޓް ރެޖިސްޓްރޭޝަންގެ ގަވާއިދުތަކަށް ބަދަލުގެނެސް ދިވެހިންނަށް މިކަންކަން ކުރެވޭނެ ގޮތަށް ބަދަލުގެނައުމަކީ ލިބިފަިއވާ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ދިވެހިންގެ އަތްމަތިން ގެއްލިފައިވާ ފުރުސަތުތައް އަނބުރާ ދިވެހިންނަށް ފޯރުކޮށްދެވިފައިވާ ކަމަށެވެ.

އޭގެ އިތުރުން މެރިޓައިމް ގެ ދާއިރާއިން ވިޔަފާރި ޑައިވާސިފައި ކުރުމުގެ ގޮތުން ކުރެވެން ހުރި ކަންތައްތަކަށް ބަލާއިރު  ސީ ފްރައިޓު ރާއްޖެއަށް ގެނެސް، ރާއްޖެއަށް އަންނަ ގިނަ އިންޓާނޭޝަނަލް އެއާ ލައިންތަކުގެ ހުންނަ ބެލީގަ ހުންނަ ހުސް ޖާގަ ބޭނުންކޮށްގެން އެއާ ފްރައިޓުކޮށްގެން އެ ހިދުމަތް ފެށުން ހިމެނޭ ކަމަށެވެ. އަދި މި ހިދުމަތުގައި މިހާތަނަށް ބޮޑު އާމްދަނީ އެއް ލިބޭ ވަރުގެ މަސައްކަތަކަށްވެފައިވާއިރު އަމިއްލަ ފަރާތްތަކަށް މިހާރު ކުރަމުންދާ މަސައްކަތްތަކަށް ސަޕޯޓްދީގެން ތަރައްގީ ކުރުން ހިމެނެއެވެ.

ވަޒީރު ވިދާޅުވީ އަލަށް ފެށުނު ކަމަކަށްވާތީ ވަރަށް ބޮޑު އެޗީވްމަންޓެއް ގޮތަށް ބަލައިގަންނަ ކަމަށެވެ. އަދި ކަނޑުމަތީ ސަލާމަތީ ކަންތައްތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ގިނަވެފައިވާއިރު އެގޮތުން މިހާރު ކުރެވެމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ މެރިޓައިމް ސައިޑުގެ ހުރިހާ ސެޓްފިކެޓް ތަކާއި ލައިސަންސްއެއް ޑިޖިޓަލައިޒް ކުރުން ކަމަށެވެ.

”މިއީ ސީދާ ރައީސް ވަކިން އަންގަވައިގެން އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދެވޭކަމެއް. އަންނަ އަހަރުގެ ޖެނުއަރީ މަހުގައި މިކަން އިމްޕްލިމެންޓްކޮށް ރައްޔިތުންނަށް ފޯރުކޮށްދިނުން.“ ވަޒީރު ވިދާޅުވިއެވެ.

ލޭންޑްސައިޑަށް ބަލާއިރު ބަދަލުތަކެއް ގެނެވިފައިވާއިރު އެންމެ ބޮޑު އެއް މައްސަލައެއް ކަމަށްވާ މާލެ ސަރަހައްދަށް މަގުމަތީގެ ރައްކާތެރިކަން ގެއްލޭ ހިސާބަށް އުޅަނދުތައް ގިނަވެ ރެޖިސްޓްރީ ނުކުރާ ވެހިކަލްތައް މަގުމައްޗަށް ގިނަވެފައި އޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މާލެ ސަރަހައްދުގައި ރަޖިސްޓްރީ ނުކުރާ 2000 އާއި ގާތްކުރާ އަދަދަކަށް އުޅަނދުތައް ނަގާ ވަކި ތަނަކަށް ލަފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އެމަނިކުފާނު ވިދާޅުވީ މިފަދަ އުޅަނދުތައް މިހާރު އެކަހެރި ކޮށް އެކި ބިންތަކުގައި ބަހައްޓާފައިވާނެ ކަމަށެވެ. އަދި މި އުޅަނދުތަކަށް ގޮތެއް ހޯދުމަށް އޭ ޒޯން ފިޔަވާ އެހެން ޒޯން ތަކަށް ރަޖިސްޓްރީ ކުރުމުގެ ގޮތް ހަދާފައިވާނެ ކަމަށާއި މިކަމުގެ ހައްލަކީ މާލެ ސަރަހައްދުން މިފަދަ އުޅަނދުތައް ނަގާ ޕާކް ކުރުމުގެ ޖާގަ ހޯދާދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅައި އެއްގޮތަށް ޕާކިން ބިލްޑިންގެ މަސައްކަތްވެސް ފައްޓަވާނެ ކަމަށެވެ.

”ދެން އެންމެ ބޮޑު އެއް މައްސަލައަކީ ފަސޭހައިން ޓެކްސީ ލިބެން ނޯންނަ މައްސަލަ. ރައީސް އިއުލާން ކުރައްވާފައިވާ ގޮތަށް އީޓެކްސީ ލައިނެއް ގާއިމުކުރުން. މިއަހަރު ނިމި އާ އަހަރު ފެށޭއިރު އީލައިންގެ ހިދުމަތް ލިބެނެ.“ ވަޒީރު ވިދާޅުވިއެވެ.

ވަޒީރުވަނީ މިހުރިހާ ކަމަށް ރައީސް މުއިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.

އޭވިއޭޝަން ދާއިރާ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެގޮތުން ރައީސްގެ ވައުދުފުޅާއިއެއްގޮތަށް ވައިޑްބޮޑީ އޮޕަރޭޝަން އަންނަ އަހަރުގެ ޖެނުއަރީގައި ފެށިގެން ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި ދެވަނަ ވައިޑްބޮޑީ، އައިލެންޑު އޭވިއޭޝަން ފަރާތުން ގެނައުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ވައުދުފުޅުގެ ތެރެއިން އެންމެ މުހިއްމު ވައުދުފުޅަކީ ހާއްސަ ޑެޑިކޭޓެޑް އެއާ އެމްބިއުލަންސްއެއް ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެއްސުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

”އެކަމަށް ހާއްސަ މަތިންދާބޯޓެއް ޑިސައިން ކުރެވި އެމަޖެންސީ ހާލަތަަށް ބޭނުންކުރެވޭނެ ގޮތަށް އެންމެ ފަހުގެ ވަސީަލތްތައް ބޯޓުގައި ހިމަނައިގެން ސިއްހީ ހިދުމަތްތެރިން ބޯޓުގައި ތިބެގެން އޮޕަރޭޓްކުރާ ގޮތަށް ގެނައި ބަދަލު. މީއީ މީގެ ކުރިން ދުވަހަކުވެސް ދިވެހި ތާރީހުގައި ފެނިފައިނުވާ ކަމެއް. މީގެ ސބަބުން ރައްޔިތުންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގަންނަވާނެ. މިއީ ވަރަށް މަތީ ފަންތިއެއްގައި ލިބޭނެ ހިދުމަތެއް.“ ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ މި ދެ އަހަރު ރައީސްގެ ވިސްނުމާއިއެކު އެ ވުޒާރާއިން ކުރަންހުރި ކަންތައްތައް ވަރަށް ރަނގަޅު ލެވެލް އަކަށް ހާސިލުކުރެވިއްޖެ ކަމަށެވެ. އެ ވުޒާރާއާއި މެދު ރައްޔިތުން ދެކޭގޮތް، އަދި އިތުބާރު ހޯދުމަށް ގަދައަޅާ މަސައްކަތް ކުރައްވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ އެ ވުޒާރާގެ ހުރިހާ މުވައްޒަފުންނަށް ޝުކުރުއަދާކުރައްވަމުންނެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި