ދޮންބަންޑާރައިންގެ ހިކްމަތާއި، ހުޝިޔާރުކަމާއި، މި ވަތަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީހީ ހާދިސާއަށް ތިންގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ދިރިދިރި އޮތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހުރަވީ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެމަނިކުފާނު ވިދާޅުވީ މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ގައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ގައުމީ ޖިހާދަށް މިއަދަށް 281 އަހަރު ވެފައިވާ ކަމަށެވެ.
އެގޮތުން ފަހުރުވެރި ހުރަވީ ދުވަހުގެ ތަހުނިޔާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވަމުން ރައީސް ވިދާޅުވީ މިނިވަންކަމާއި ފާގަތިކަމުގައި ދިވެހިރާއްޖެ އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ހަޒްރަތުގައި ދުއާކުރައްވާ ކަމަށެވެ.





