- އިސްތިހާރު -spot_img

ފަލަސްތީނަށް ހިމާޔަތް ތެރިކަން ހޯދައިދިނުމަށް އަނެއްކާވެސް ރައީސް ގޮވާލައްވައިފި

ފަލަސްތީނަށް އެހީތެރިކަމާއި ރައްކާތެރިކަން ހޯދައިދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް އަނެއްކާވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބުމުގެ ބައިނަލްއަގްވާމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާއެކު އެކަތިގަނޑެއްގެ ގޮތުގައި ތިބުމުގެ ބައިނަލްއަގްވާމީ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ފަލަސްތީނުގެ ރައްޔިތުން އަދިވެސްވަނީ ހިތާމަވެރި ހާލަތެއްގައި ކަމަށެވެ.

”ސީޒް ފަޔާ“ ގެ އެއްބަސްވުން ނަގަހައްޓާފައިވުމާއި، ޣައްޒާއަށް އިޒްރޭލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކާއި، ސެޓްލްމަންޓްތައް ބިނާކުރުން ހުއްޓާނުލާ ކުރިއަށްދާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ދިރިއުޅުމުގެ ކަންކަމަށް ހުރަސްތަކެއް ކުރިމަތިކޮށްފައިވާކަމީ، ފަލަސްތީނުގެ ރައްޔިތުންނަށް ހަމަޖެހުމާއި އިގްތިސާދީ ގޮތުން ފުދުންތެރި މުސްތަގްބަލެއް ލިބުން ނަފީކުރާ ކަމެއް ކަމަށެވެ.

”މިހާރު، ކުރިއަށްވުރެ ބޮޑަށްވެސް، ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލަން އެކަތިގަނޑެއްގެ ގޮތުގައި ތިބުމުގެ ރޫހު އަމަލީ މަސައްކަތަކަށް ބަދަލުކުރުމަށް. އަދި ފަލަސްތީނުގެ ރައްޔިތުންގެ ޝަރުއީ ހައްގުތަކާއި، އެމީހުންގެ އުންމީދުތައް ފުރިހަމައަށް ހާސިލްކުރުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމަށެވެ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ރާއްޖެއިން ވަކި ކޮޅަކަށްނުޖެހި، ބަދަހި އަޒުމެއްގައި، ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ތިބިކަން ފާހަގަކުރައްވާފައެވެ.

”1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ އެ ދައުލަތުގެ ވެރިރަށުގެ ގޮތުގައި ހަމަޖައްސައި، ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ރާއްޖެއިން ސާބިތުކަމާއެކު ތާއީދުކުރަން.“ ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި