އެއިޑްސް ނައްތާލުމަކީ ވަކި ގައުމަކުން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގުވާމީ މުޖުތަމައު އެކުގައި ގުޅިލާމެހިގެން އަދާކުރަންޖެހޭ ޒިންމާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ އެއިޑްސް ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ ބައިނަލްއަގުވާމީ މުޖުތަމައު އެކުގައި ގުޅިގެން މަސައްކަތްކޮށްފިނަމަ، 2030 ވަނަ އަހަރު އަންނަންވާއިރަށް ދުނިޔެއިން އެއިޑްސް ނައްތާލެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި މިދަތުރަކީ ފަރުދީ ފެންވަރުގައި ފެށެންޖެހޭ ދަތުރެއްގެ ގޮތުގައި އެމަނިކުފާނުވަނީ ސިފަކުރައްވާފައެވެ.
މި އަހަރުގެ މިދުވަހުގެ ޝިއާރު ކަމަށްވާ “އޯވާކަމިން ޑިސްޓްރަޕްޝަން، ޓްރާންސްފޯމިން ދަ އެއިޑްސް ރެސްޕޯންސް“ އަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ މަންމައިންގެ ފަރާތުން ތުއްތު ދަރިފުޅަށް އެޗްއައިވީ، ސިފިލިސް އަދި ހެޕިޓައިޓިސް ބީ ވާރުތަވުން ހުއްޓުވައި، ”ޓްރިޕްލް އެލިމިނޭޓް“ ވި ދުނިޔޭގެ ފުރަތަމަ ގައުމަކީ ދިވެހިރާއްޖެ ކަމަށެވެ.
މިކަމަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކާއެކު ސިއްހީ ފަރުވާ ކަށަވަރުކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ކާމިޔާބީ ދައްކުވައިދޭ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ހޯދާފައިވާ މިފަދަ ކާމިޔާބީތަކަކީ ބައިނަލްއަގްވާމީ ފަރާތްތަކާއި އެކު އޮންނަ ބަދަހި ގުޅުންތަކާއި އެއްބައިވަންތަކަމާއެކު އިލްމު ބަދަލު ކުރުމުގެ ތެރެއިން އެންމެން ގުޅިގެން އީޖާދީ ގޮތުން ވެސް ކުރެވުނު މަސައްކަތުން ހާސިލްކުރެވުނު ކާމިޔާބީތަކެއް ކަމަށެވެ.
ރައީސްގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިޑްސް ނައްތާލުމަށް ދުނިޔޭގެ ފެންވަރުގައި ކުރާ މަސައްކަތުގައި އެއްބައިވަންތަކަމާއި، ކެތްތެރިކަމާއި، މުޖުތަމައު ބާރުވެރިކުރުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ. އަދި އާންމުންގެ ހޭލުންތެރިކަމާއި، އެއްބާރުލުމާއި އެކު، ހުރިހާ އެންމެންނަށް ވެސް ހިދުމަތްތައް ލިބޭނެ ގޮތް ހެދުމަކީވެސް މުހިއްމު ކަމެއްކަމަށް އެކަމަނާ ވިދާޅުވިއެވެ.





