ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތީ ”ތަންމިނަށް“ ހުޅުވާލެވިފައި ކަމަށާއި، ނަމަވެސް، އެއްވެސް މީހެއްގެ އަބުރު ކަތިލުމުގެ ފުރުސަތެއް ނުދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ މާފަންނުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ތާޖުއްދީން ސްކޫލްގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިކަމުގެ ފުރުސަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. ހަމައެހެންމެ ރައްޔިތުންގެ ގާތަށް ވަޑައިގެން މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދަވަނީވެސް ހުރިހާ ވާހަކަތަކެއް ހިއްސާކުރެއްވުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދެއްވުމުގެ ގޮތުން ކަމަށްވެސް ރައީސް ފާހަގަކުރައްވާފައިވެއެވެ.
ހިޔާލު ތަފާތު ބޭފުޅަކު އެއްޗެއް ވިދާޅުވެދާނެކަމަކަށް ކަންބޮޑުވެ ވަޑައިނުގަންނަވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެފަދަ ކަންކަމަށް މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވެ ވަޑައިގަންނަވާ ކަންކަން ހިއްސާކުރައްވަމުން ގެންދެވުމަށްވެސް ރައީސްވަނީ އެދިވަޑައިގެންފައެވެ.
ރައީސް ވިދާޅުވީ ކޮންމެ ރައްޔިތަކީވެސް އެމަނިކުފާނަށް ހަމަހަމަ ރައްޔިތެއް ކަމަށާއި، ކޮންމެ ރައްޔިތަކާ މެދުވެސް ސަރުކާރުން އަމަލުކުރައްވާނީ އަދަލުވެރިކަމާއި، ހަމަހަމަކަމާ އެކުގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ނޫސްވެރިކަމަކީ، އެހެން ދާއިރާތައް ފަދައިން ނުހަނު ޒިންމާދާރުކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި ހަބަރު ފެތުރުމުގައި ދެ ފަރާތްވެސް ހަމަހަމަކޮށް، ހަގީގަތް ގެނެސްދެވެންޖެހޭނެ ކަމަށެވެ.
އެގޮތުން އެބައެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ސިޔާސަތެއް ކަމުގައި އިއުތިރާފުވެވޭ ހިސާބުން، އެބަޔަކަށް ވަކި ފަރާތަކަށް ބުރަވެވުނީ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ ނޫސްވެރިކަމުގެ ބަދަލުގައި ސިޔާސީ ހަރަކާތެއް ކަމަށެވެ.
ނޫސްވެރިކަމުގެ އިމުގެ ތެރެއިން އެއްވެސް ބަޔަކު ވިދާޅުވާން ބޭނުންފުޅުވާ ވާހަކައަކަށް އެމަނިކުފާނުގެ ސަރުކާރުން ހުރަހެއް ނާޅާނެކަމުގެ ޔަގީންކަނއް ދެއްވާ ރައީސް ވިދާޅުވީ ނަމަވެސް އިސްލާމް ދީނުގެ ހުދޫދުން ބޭރުވެ، ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފުވާ ފަދަ މޭރުމަކުން އެ ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ.
ކޮންމެ ރައްޔިތެއްގެ އަބުރަކީ ހަމަހަމަ އެއްޗެއް. އެއީ އިލާހީ ގާނޫނު. އެ ގާނޫނާ ހިލާފުވުމުގެ ފުރުސަތެއް، ކޮންމެ ލޭބަލެއްގައި އައިކަމުގައި ވީ ނަމަވެސް، ނުދޭނަން. ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެއީ އެމަނިކުފާނަށް އޮތް ފުރުސަތެއް ނޫން ކަމުގައިވީނަމަވެސް، އެއްވެސް ކަހަލަ ސިޔާސީ ވިސްނުމެއް ނެތި، ދެ ފަރާތް ހަމަހަމައަށް، ތެދު ބަހުން ގެނެސްދެވޭ ކޮންމެ ކަމަކަށް މި ސަރުކާރުން ސައްތަ އިންސައްތަ މަރްޙަބާ ކިޔާނެ ކަމަށެވެ. އަދި މިފަދައިން ކުރާ ނޫސްވެރިކަމަކަށް އަޅާނެ އެއްވެސް ހުރަހެއް ނޯންނާނެ ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.





