65 އަހަރުން 75 އަހަރާއި ހަމައަށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ގާނޫނީ އިމުގެ ތެރެއިން ވަޒީފާގައި ދެމި ހުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމުގެ ގޮތުން ރީ އެމްޕްލޯއިމަންޓް ބިލުގެ ނަމުގައި، ރައްޔިތުންގެ މަޖިލީހަށް މިހާރު ބިލެއް ހުށައަޅުއްވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައްޔިތުންނާއިއެކު ބާއްވަވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލޭ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ރެހެންދި ސްކޫލު ހޯލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ސަރުކާރުގެ އޮފީސްތަކުގައި ހެދުން އެޅުމުގެ މިންގަނޑަށް ގެނެވިފައިވާ ބަދަލުތައްވެސް ރޭ ހިއްސާ ކުރައްވާ ރައީސް ވިދާޅުވީ ހެދުންއެޅުމުގެ މިންގަނޑު، ކުރިން ސިވިލް ސާވިސްގައި ކަނޑައަޅާފައި އޮތްގޮތަށް ބަދަލުކުރެއްވުމަށް ނިންމަވައި، އެކަން އެގޮތަށް ބަދަލުކުރެއްވުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ތެރެއިން ކަމާބެހޭ އިދާރާގައި ދަންނަވާފައިވާނެ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް 2.0 އަކީ ތަރައްގީގެ ޕްލޭންގައި ވަރަށް މާނަފުން، ވަރަށް ބޮޑު އިންގިލާބީ ބަދަލެއް ހިންގުމުގެ ނިޒާމަށާއި ދުވަހުގެ ދިރިއުޅުމަށް ގެނުވާނެ ކަމެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި މި ރޮނގުން ނެޝަނަލް ޑިވެލޮޕްމަންޓް ޕްލޭނެއް ހެދި، އެއަށް ގާނޫނީ ބާރުވެރިކަން ދިނުމަށްޓަކައި ބިލެއް ޑްރާފްޓް ކުރެވި، މަސައްކަތްތަކެއް ކުރައްވަމުންގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ 2040 ވަނަ އަހަރު އަންނަންވާއިރަށް ރާއްޖެ ތަރައްގީ ކުރުމަށް 20 އަހަރު ދުވަހުގެ މާސްޓާޕްލޭނެއް ހަދައި، ޖީޑީޕީ އާއި އަދި އެހެން ހުރިހާ ގޮތަކުންވެސް އެޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދާ ކަމަށެވެ.





