ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މިއަދު ބަންދުން ދޫކޮށްލައިފިއެވެ.
ޝަމްއާން ބަންދުން ދޫކޮށްލީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް ދައުލަތުން ކޯޓުގައި އެދުމުން ކަމަށްވާއިރު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނީ ޝަމްއާން ދޫކޮށްލުމަށް އެދުނީ ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ދައުވާތަކާއި ގުޅިގެން މައިގަނޑު ހެކިންގެ ހެކިބަސް ނަގައި ނިމިފައިވާތީ ކަމަށެވެ. އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލު ކުޑަވެފައިވާކަމަށްވެސް ފެންނާތީ ކަމަށެވެ. ނަމަވެސް ޝަމްއާން ބަންދުން ދޫކޮށްލާފައިވަނީ ޕާސްޕޯޓް ހިފެހެއްޓުމަށް ފަހުކަން ފާހަގަކުރެވެއެވެ.
ޝަމްއާންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ދައުވާގެ އިތުރުން ފޭރުމުގެ ދައުވާވެސް ކޮށްފައިވާއިރު އެ މައްސަލައިގައި ޝަމްއާން ހައްޔަރުކޮށް، އެންމެ ފުރަތަމަ ކްރިމިނަލް ކޯޓަށް ގެންދިއުމުން ބަންދަށް ޖަހާފައި ވަނީ 15 ދުވަހެވެ. އަދި ބަންދުގެ މުއްދަތު ހަމަވާން ކައިރިވުމުން ބަންދާ މެދު ގޮތެއް ނިންމުމަށް އަލުން ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުކޮށްފަވެއެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަނުގެ މަގާމަށް ޝަމްއާން އައްޔަން ކޮށްފައިވަނީ 19 ނޮވެމްބަރު 2023 ގައެވެ. ޝަމްއާން ފާހަގަ ކުރެވުނީ ވަރަށް އެކްޓިވް ހިންގުންތެރި ވެރިއެއްގެ ގޮތުގައެވެ. ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ފެށި މަސައްކަތަށް އާންމުންގެ ވަރަށް ބޮޑު ތައުރީފެއް ޝަމްއާންއަށާއި އިމިގްރޭޝަނަށް ލިބިފައިވާކަން ފާހަގަކުރެވެއެވެ.





