އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ޕީއެންސީ)ގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން މިއަދު ފަށައިފިއެވެ.
މި ވޯޓުލުން ފަށާފައިވަނީ މިއަދު ހެނދުނު 9:00 ގަ އެެވެ. އަދި ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާއި ހަމައަށެވެ. މި ޕްރައިމަރީގައި ޖުމްލަ 308 ކެންޑިޑޭޓުން ވާދަކުރުމަށް ހަމަޖެހިފައިވެއެވެ. އަދި ކައުންސިލްތަކަށް 183 އަދި އަންހެނުންގެ ކޮމިޓީތަކަށް 121 ފަރާތެއް ހިމެނޭއިރު ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ އަންހެނުންނަށް ހާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް ވާދަކުރާ 47 ކެންޑިޑޭޓުންވެސް ހިމެނެއެވެ.
މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް ވާދަކުރާ 19 ކެންޑިޑޭޓުންގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނަށް ވާދަކުރާ 98 ކެންޑިޑޭޓުުން ހިމެނެއެވެ.
ޕީއެންސީން މީގެ ކުރިން ބުނީ އެ ޕާޓީގެ ޓިކެޓުގައި އަންނަ އަހަރު ބާއްވާ ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އިންތިހާބުގައި ވާދަކުރަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޕްރައިމަރީއަކާ ނުލައިވެސް ގިނަ ބަޔަކު ހޮވިފައިވާއިރު އެ ފަރާތްތަކަށް ޓިކެޓް ލިބިފައިވާކަން ޕާޓީގެ ޕޯޓަލް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށްވެސް ޕީއެންސީން މައުލޫމާތު ދީފައިވެއެވެ.





