މާލެ ސިޓީގެ ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން އައު ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ 45 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީއިން ބުނީ މަގުގެ އިމާރާތްތަކާއި ވީ ފަރާތުގައި ކާބްސްޓޯން ޖެހުމުގެ 85 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާއިރު، މި ހަފުތާގެ ނިޔަލަށް އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި ކޭބަލް ޖަންކްޝަންތަކުގެ މަސައްކަތްތައް ވެސް މިހާރު ނިމިފައިވާކަމަށް އެމްޓީސީސީން ބުންޏެވެ.
މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތަށް ބޭނުންވާ އެންމެ މުހިންމު ތައްޔާރީތަކުގެ ތެރޭގައި ހިމެނޭ އެންކާ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ކުރިއަށްދާ ކަން ފާހަގަކުރެވެއެވެ.
މި ބޮޑު މަޝްރޫއަކީ މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ހިނގާބިނގާވެ އުޅޭ މީހުންނަށް ފަސޭހަ އަދި ރައްކާތެރި މަގުތަކަކަށް ހެދުމާއެކު، ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ލުޔެއް ގެނުވައިދޭނެ މުހިންމު މަސައްކަތެއް ކަމަށް އެމްޓީސީސީން ބުންޏެވެ.




