- އިސްތިހާރު -spot_img

”ބޯހިޔާވަހިކަމަށް ހުޅުވާލާނީ ރައްޔިތުންގެ ޝަރުތުތައް އިސްލާހުކުރުމަށް ފަހުގައި“

މާލޭ ސަރަޙައްދުން ބޯހިޔާވަހިކަމަށް ކުރިމަތިލުމަށް ހުޅުވާލައްވަނީ، ރައްޔިތުން އެދިވަޑައިގެން ކަންކަން ހިމެނޭނޭހެން ޝަރުތުތައް އިސްލާޙުކުރައްވުމަށްފަހުގައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަ ހައްލުކޮށްދެއްވުމަށްޓަކައި، މާލޭ ސަރަޙައްދުން 7900 އެއްހާ ފްލެޓާއި 15000 ގޯއްޗަށް ކުރިމަތިލުމަށް މި މަހު 15 ވަނަ ދުވަހު ހުޅުވާލާއިރު، ރައްޔިތުންގެ ބައްދަލުވުން ތަކުގައި ހުށަހެޅުއްވި ބައެއް ހިޔާލުތައް ހިމަނުއްވައިގެން ޝަރުތުތައް އިސްލާޙުކުރައްވާފައިވާ ކަމަށެވެ.

އެގޮތުން، ކުރީގެ ސްކީމްތަކުގައި، މީގެ އެތައް އަހަރެއް ކުރިން އެއް ކޮޓަރީގެ ފްލެޓުތައް ލިބުނު ނަމަވެސް، އާއިލާ ބޮޑުވެ، އެއް ކޮޓަރިން ނުފުދޭ މީހުން، ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލައި ހޮވިއްޖެނަމަ، ކުރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ކުރިމަތިލެވޭނޭހެން އިސްލާޙުކުރައްވާފައިވާކަމަށް ރައީސްވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ދެ ކޮޓަރީގެ ފްލެޓްތައް ލިބިފައިވާ މީހުންނަކީ، 18 އަހަރު ނުފުރޭ ދެ ޖިންސުގެ ދަރީން ތިބި މީހުންކަމުގައިވާނަމަ، އެ މީހުންނަށްވެސް، ތިން ކޮޓަރީގެ ފްލެޓަށް ކުރިމަތިލައި ހޮވިއްޖެނަމަ، ކުރީގެ ފްލެޓް ދޫކޮށްލާ ގޮތަށް، ކުރިމަތިލެވޭނޭހެން އިސްލާޙުކުރައްވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ގެނެސްފައިވާ އިތުރު އިސްލާުތަކުގެ ތެރޭގައި، މާލޭގައި ދަފުތަރުވެފައިވާތާ މަދުވެގެން އެއް އަހަރުވެފައިވާ ފަރާތްތަކަށްވެސް ފްލެޓަށް ކުރިމަތިލެވޭގޮތަށް ހިމަނުއްވާފައިވާ ކަމަށެވެ.

މި ފުރުސަތުގައި ދޫކުރުމަށް ނިންމާފައިވާ 15000 ގޯތި ދޫކުރާ ގޮތުގެ ތަފްސީލު ހިއްސާ ކުރައްވާ ރައީސް ވިދާޅުވީ ގޯތި ބެހިފައިވަނީ، މާލެއަށް އުފަން މާލޭ ރައްޔިތުންނަށް 7000 ގޯތި، ދަފުތަރުގައި ޖެހިފައިވާ މީހުންނަށް 1000 ގޯތި، ފަހުން ރަޖިސްޓަރީގައި ޖެހިފައިވާ މީހުންނަށް 2000 ގޯތި، މައިމުޅަވެފައިވާ ފަރާތްތަކަށް 500 ގޯތި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް 3000 ގޯތިީގެ އިތުރުން ހަނި ގޯޅިތަކުގައި ހުންނަ، އިމާރާތްކުރުމަށް ލޯނު ހޯދުމަށް ދަތިކަން ހުރި ގޯތި ދޫކޮށް ގޯތިތައް ބަދަލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ކަނޑައަޅާފައިވާ 1500 ގޯތީ ކަމަށެވެ.

ރައީސް ވިދާޅުވީ ގޯތީގެ މައްސަލަ ހައްލުކުރެއްވުމަށް މި ސަރުކާރުން މަޑުކުރައްވަނީ ދައުރުގެ ހަތަރު ވަނަ ނުވަތަ ފަސް ވަނަ އަހަރަށް ނޫން ކަމަށާއި، މި މައްސަލައަށް އެންމެ ބޮޑު އަހުމިއްޔަތުކަމެއް ދެއްވައިގެން ތަރުތީބުކުރައްވާފައިވަނީ، ހަގީގީ ހައްލު ހޯއްދަވައިދެއްވުމަށް އިހުލާސްތެރިކަމާއެކު މަސައްކަތްކުރެއްވުމުގެ މަގުސަދުގައި ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި