ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު ނައީމް ކޮށްދެއްވާފައިވާ މަސައްކަތްޕުޅުތަކުގެ ހަނދާންތައް ދިވެހި ތާރީހުގެ ސަފްހާތަކުން ތާއަބަދު ފެންނަން ހުންނާނެ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު، މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު ކަމަށްވާ މުހައްމަދު ނައީމް ހުސައިން އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް މިދިޔަ އާދީއްތަ ދުވަހުގެ އަވަހާރަވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އަމީން ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލާ މުހައްމަދު ނައީމް ހުސައިން ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވި ހަބަރު އަޑުއެހީ ފުން ހިތާމައާއެކުގައި ކަމަށެވެ. އަދި އެމަނިކުފާނު މި ދާއިރާއަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްޕުޅުތަކުގެ ހަނދާންތައް ދިވެހި ތާރީހުގެ ސަފުހާތަކުން ތާއަބަދު ފެންނަން ހުންނާނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.
”މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ އެމަނިކުފާނުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވައި، އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.“އަމީން ވިދާޅުވިއެވެ.
އަމީންގެ އިތުރުން ނައީމް އަވަހާރުވާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަލްމަރްހޫމް މުހައްމަދު ނައީމް ހުސައިންގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމި ހުންނާނެ ކަމަށެވެ.
އަލްމަރްހޫމް ނައީމު އަވަހާރަފުޅުވީއިރު އުމުރުފުޅަކީ 74 އަހަރެވެ. އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށް މިދިޔަ އާދީއްތަ ދުވަހުގައެވެ. އަދި ޖަނާޒާ އޮތީ އިއްޔެ ހުޅުމާލޭ ސަހަރާގައެވެ.
ނައީމް ހުޅުލޭ އެއާޕޯޓުގައި މަސައްކަތްކުރައްވަން ފެއްޓެވީ 1967 ގައިކަމަށްވާއިރު ތައިލެންޑުގެ ސިވިލް އޭވިއޭޝަން ސެންޓަރުން ވެސް އޭޓީސީގެ ޓްރެއިނިން ހައްދަވައިފައިވެއެވެ. އަދި އޮސްޓްރޭލިއާގައި އެއިރޯނޯޓިކަލް ސާޗު އެންޑް ރެސްކިއު ޓްރެއިނިން ހައްދަވާފައިވާއިރު މީގެ 59 އަހަރު ކުރިން، ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި، ހުޅުލޭ އެއާޕޯޓް ހުޅުވުމަށްޓަކައި އެންމެ ފުރަތަމަ ތަމްރީނު ކުރި، އެއާ ޓްރެފިކް ކޮންޓްރޯލަރުކަން އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.





