ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް 40 މީޑިއާއަކަށް 27،295،532.69 ރުފިޔާ ދޫކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނީ މިދިޔަ އަހަރުގެ ބަޖެޓުން ފެށިގެން ކޮންމެ އަހަރަކު އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް އަމިއްލަ މީޑިއާތަކަށް ފައިސާ ދޫކޮށްފައިވާ ކަމަށެވެ.
މީޑިއާތަކަށް މާލީ އެހީތެރިކަން ދިއުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިންގް ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން ޝަރުތު ހަމަވެ، 40 މީޑިއާއަކަށް ފައިސާ ލިބޭ ކަމަށް ކަނޑައަޅަފައިވެއެވެ. އެގޮތުން މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު ޒުވާނުންނާބެހޭ ވުޒާރާއަށް އެންގުމުން އެ ވުޒާރާއިން ވަނީ މާލީ ކަންކަމާއި، ތަރައްގީގެ ރޭވުންތެރި ކަމާބެހޭ ވުޒާރާ މެދުވެރިކޮށް އެ ފަރާތްތަކަށް ފައިސާ ޖަމާކޮށްދީފައެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީއަކީ އަމިއްލަ މީޑިއާތައް ބާރުވެރިކުރުވައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމަށް ދެވޭ އެހީއެއްކަން ފާހަގަކުރެވެއެވެ.
މިދިޔަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓުގެ ބާވަތަށާއި، މުވައްޒަފުންގެ ތައުލީމީ ފެންވަރަށާއި، ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށް ކަމަށް އެމްއެމްބީސީން ބުނެފައިވެއެވެ.





