- އިސްތިހާރު -spot_img

ﷲ ދެއްވި ބާރުގަދަ ހަތިޔާރަކީ ސިކުނޑި، ބޭނުން ކުރަންވީ ގައުމާ އެއްކޮޅަށް: ރައީސް

ދިވެހި ގައުމު އެންމެ ބޮޑަށް ދިފާއު ކުރެވޭނީ ކޮންމެ މީހެއްގެ އަތުގައި އޮންނަ ފޯނު ބޭނުންކޮށްގެން ކަމަށާއި މާތް ﷲ ކޮންމެ އިންސާނަކަށް ވެސް ދެއްވި އެންމެ ބާރުގަދަ ހަތިޔާރަކީ ސިކުނޑި ކަމަށްވާއިރު، ދިވެހިންގެ ސިކުނޑިތައް ގައުމާ އެއްކޮޅަށް ބޭނުން ކުރުން މުހިންމު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގައުމަށްޓަކައި ގުރުބާންވުމަކީ ހަމައެކަނި ސިފައިންގެ ނޫނީ ފުލުހުންގެ ޔުނިފޯމް އަޅައިގެން އެކަނި ކުރެވެން އޮތް ކަމެއް ނޫން ކަމަށެވެ. ކުރީގައި ގައުމުތަކުގެ މިނިވަންކަން ގެއްލުވާލަން ހަތިޔާރު ހިފައިގެން އައި ނަމަވެސް މިހާރު މިނިވަންކަން ނަގާލުމުގައި ހަރަކާތްތެރިވަނީ އެގޮތަށް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

”މިއަދުގެ ޓެކްނޮލޮޖީގެ ޒަމާނުގައި މިނިވަންކަން ގެއްލިގެން ހިނގައިދާނެ އަޅުގަނޑުމެން ގާފިލްވެ ތިއްބާ، ނޭނގި ތިއްބާ.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ދިވެހިންނަކީ މާތްވެގެންވާ އިސްލާމް ދީނުގައި ފައިތިލަ ސާބިތުކޮށްގެން ތިބި އެއްބައިވަންތަ، އެއް ބަހަކުން ވާހަކަ ދައްކައި، އެއް ނަސްލަކަށް ނިސްބަތްވާ ބައެކެވެ. ދިވެހިން ނުވިސްނާ ތިބެފި ނަމަ، އިގްތިސާދު، ބޮޑު އަނދަވަޅަކަށް ވައްޓާލައި، މިނިވަންކަން ނިގުޅައިގަތުމަކީ ދާދި ފަސޭހަ ކަމެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރެވޭނެ ކަން ދިވެހި ކޮންމެ ރައްޔިތަކު ވެސް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. އަދި ކޮންމެ މީހަކަށް ހަތިޔާރާއި ތަމްރީން ނުދެވޭނެ ކަން ރައީސް ފާހަގަކުރެއްވިއެވެ.

”ނަމަވެސް ކޮންމެ މީހެއްގެ އަތުގައި ވެސް އެންމެ ބާރުގަދަ ހަތިޔާރު އެބައޮތް. އެއީ ﷲ ދެއްވާފައިވާ ސިކުނޑި، ވިސްނުން. އެމީހެއްގެ ވިސްނުން ގައުމާ އެއްކޮޅަށް ބޭނުން ކުރަން އަޒުމް ކަނޑައަޅައި އެގޮތުގައި ރެއާއި ދުވާލު އެމީހާގެ ވިސްނުމާއި ހިތުގެ އަޑިން ގައުމު ދެކެ ލޯބިވެ ގައުމާ އެއްކޮޅަށް ކަންކަން ކުރުމަށް އަޒުމް ކަނޑައަޅާ ހިނދު މި ގައުމާ މެދު ކަންބޮޑުވާން ނުޖެހޭނެ،“ ރައީސް ވިދާޅުވިއެވެ.

”ގައުމުގެ މިނިވަންކަމާއި އިސްތިގުލާލް އޭރުން އޮންނާނީ އަބަދުވެސް ހިމާޔަތް ކުރެވިފައި،“

ދިވެހިވަންތަކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި އަޅުގަނޑުމެންގެ އަބްތޯލުން ކުރެއްވި ޖިހާދުގެ މަތިން އަބަދުވެސް ހަނދާންކޮށް އޭގެ އިބުރަތް ލިބިގަންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

”ދިވެހި ގައުމިއްޔަތު އިއާދަކޮށް، ދިރުވައި އާލާކުރަން ޖެހެނީ އެހެންވެގެން. އަޅުގަނޑުމެންނަކީ ކޮން ބައެއް ކަމާއި އަޅުގަނޑުމެންގެ ގައުމު މިއަދާ ހަމައަށް ގެނައުމުގައި މަސައްކަތްކޮށ،ް މިއަދާ ހަމައަށް ގެނެސްދިނުމުގައި ގުރުބާންވި ކޮން ބައެއް ކަމާއި ވި ގުރުބާންތަކަކީ ކޮބައިކަން އަޅުގަނޑުމެންގެ ޒުވާނުންނާއި މުސްތަގްބަލަށް އެބަޖެހޭ ދަސްކޮށްދޭން.“ ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

”އެ މާތް މަގްސަދުގައި އަޅުގަނޑުމެން ގައުމިއްޔަތު ދިރުވައި އާލާކުރުމުގެ މުހިންމު ސިޔާސަތެއް ކަނޑައަޅައި މަސައްކަތް ފެށީ. އިރާދަކުރެއްވީތީ އެކަމުގެ ނަތީޖާ ފެންނަމުން އެބަދޭ. އަޅުގަނޑުމެން ފެށި މަސައްކަތްތައް ފުރިހަމަ ކާމިޔާބީއާ ހަމައަށް ދަނީ ދިވެހި ލޮބުވެތި ރައްޔިތުން އެކަން ބަލައިގަނެ އެކަމަށް ދެއްވާ ފުރިހަމަ އެއްބާރުލުމުގެ ސަބަބުން. ކުރައްވާ އިތުބާރުގެ ސަބަބުން،“

 

ދިވެހި ވަތަނީ ހިދުމަތުގެ ދަށުން ގިނަ އަދަދެއްގެ ބައިވެރިން ތަމްރީންތައް ފުރިހަމަ ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ގައުމު ދެކެ ލޯބިވާ، ގައުމަށްޓަކައި ގުރުބާންވާން ތައްޔާރަށް ތިބި ބަޔަކު އުފެއްދުމަކީ އުފާ ކުރަން ޖެހޭ ކަމެއް ކަމަށެވެ. ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ފެށޭ އަހަރު، ތިނެއް ނޫނީ ހަތަރު ގުނައަށް އިތުރުކޮށް 1،000 ކުދިން ތަމްރީން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

އަމިއްލަ މަސްލަހަތަށް ވުރެ، އަމިއްލަ ބޭނުންތަކަށް ވުރެ، އިސްކުރަންވީ ގައުމު ކަމަށާއި ގައުމާ އެއްކޮޅަށް ވިސްނުން ބެހެއްޓުމަކީ އެއީ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ. ސަރުކާރަކުން ވެއްޖެ ނަމަ، ތަރައްގީގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންދިޔަ ނަމަވެސް ދިވެހިން ގައުމާ އެއްކޮޅަށް ސިކުނޑި ބޭނުން ނުކުރާ ނަމަ، އެ ގެނެވޭ ނުވަތަ އަތްލެވޭ ތަރައްގީގެ ބޭނުމެއް ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

”ކޮންމެ އަފުރާދަކު ގައުމާ އެއްކޮޅަށް ވިސްނާ ނަމަ، އަތުގައި އޮންނަ ފޯނު ބޭނުންކޮށްގެން، މީސް މީޑިއާގެ ހަގީގަތް ބޭނުންކޮށްގެން ގައުމާ އެއްކޮޅަށް މަސައްކަތް ކޮށްފި ނަމަ، އިސާހިތަކު އެ ހުރިހާ ހަމަލާތަކެއް ނައްތާލެވޭނެ،“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިގްތިސާދީ މިނިވަންކަން ގާއިމުވުމަކީ ރާއްޖެއަށް ހަގީގީ މިނިވަންކަން ގާއިމުވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެހެން ދާއިރާތަކުން ވެސް ކޮންމެ މީހަކަށް ކުރެވޭނެ ވަރަށް ބޮޑެތި ކަންކަން އެބަހުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި