ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދަނީ އިންތިހާބަށް ކަޑަޖެހުމަށް އާދަވެފައި ތިބުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ”ދިވެހީންގެރާއްޖެ ތަރާވީސް“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކައުންސިލް އިންތިހާބާ ދިމާކޮށް ރަށްރަށަށް ދިޔުމުގެ އެއްވެސް ނިޔަތެއް ނެތް ކަމަށާއި، ނަމަވެސް ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުގެ ބޮޑު މަޝްރޫއެއް ނިމިގެން އެ ރަށުގެ ރައްޔިތުން އެކަން ފާހަގަކުރަން ދައުވަތު ދީފިނަމަ އެ ދައުވަތު ގަބޫލުފުޅު ކުރައްވާނެ ކަމަށެވެ.
އިދިކޮޅުން އަބަދުވެސް އިންތިހާބަށް ކަޑަ ޖެހުމުގެ އުސޫލު އޮންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިންތިހާބު ކައިރިވުމުން ކެންޑިޑޭޓުން ރަށްތަކަށް ދަތުރުކޮށް، ކަޑަޖަހައި، ނުވަތަ ބިންގާ އަޅާ ކަމަށެވެ. އަދި އޭގެ ފަހުން އެމީހުން ނުފެންނާނެ ކަމަށާއި، ދެން ފެންނާނީ އާ ކަޑައެއް ޖަހަންވުމުން، އިންތިހާބަކާއި ދިމާކޮށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”މީގެން ލިބޭ ފައިދާއަކީ ރައްޔިތުންގެ ބައިވެރިވުން އިތުރުވުން. މިހާތަނަށް އަދަދުތަކަށް ބަލާއިރު، އެންމެ ގިނަ ރައްޔިތުން ވޯޓު ލާން ނިކުމެފަވަނީ ރިޔާސީ އިންތިހާބުގައި. މަޖިލީހާއި ކައުންސިލް އިންތިހާބަށްވުރެ އެތައް ގުނައެއް އިތުރު.“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މީގެ އެންމެ ބޮޑު އެއް ފައިދާއަކަށް ވާނީ، އަލަށް އިންތިހާބުވާ ސަރުކާރުގެ މެނިފެސްޓޯއާއި އެއްގޮތަށް، ކުރިއަށް އޮންނަ އަހަރުގެ ބަޖެޓު އެކުލަވާލުމަށް މަޖިލީހަށް ފުރުސަތު ލިބިގެންދިއުން ކަމަށެވެ. އަދި ބަޖެޓު ފާސްކުރުމަށް އައު މަޖިލީހަށް ފުރުސަތު ލިބޭގޮތަށް މާލިއްޔަތު ގާނޫނަށްވެސް ބަދަލު ގެންނަވަން ހުށައަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑު ހިމެނިން ބައިވަރު މަޝްރޫއުތައް 2024 ގައި (ބަޖެޓު) ގައި ހިމަނަން އެ ފަހަރު. ނަމަވެސް ވީ ގޮތަކީ 2023 ގެ ނޮވެމްބަރުގެ ނިޔަލަށް ބަޖެޓު ފާސްވެގެން ދިޔައިރުގައި މަޝްރޫއުތަކުގެ ނަން ހިމެނިފައި ހުރީ. ބަޖެޓު ފާސްވިއިރު މަޝްރޫއުތައް ހިންގޭ ވަރަށް އެއްވެސް ވަރަކަށް ފައިސާއެއް ބަޖެޓުގައި ހިމަނާފައެއް ނެތް. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ދިމާވި. ގާތްގަނޑަކަށް 10 މަސް ދުވަސް ދަތިތަކުގައި ކުރިމަތިލާން ޖެހުނު.“ ރައީސް ވިދާޅުވިއެވެ.
މިކަންކަމުގެ ސަބަބުން ރައްޔިތުންނާއި ގައުމުގެ ތަރައްގީއަށްޓަަކައި ފަސޭހައިން މަޝްރޫއުތައް ހިންގުމަށް ދެ އިންތިހާބު އެއްކޮށްލުން މުހިންމު ކަން ފާހަގަކުރައްވާ ރައީސް ވަނީ އޭޕްރީލް ހަތަރު ވަނަ ދުވަހު ނަގާ ފެންނަ ނުފެންނަ ވޯޓުގައި އެކަމަށް ތާއީދު ކުރައްވާ ވޯޓު ދެއްވުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.





