އަމާޒަކީ ބަލިތަކުން ރައްކާތެރިވުމާއި، ކުރިއާލައި ފަރުވާ ހޯދުމަށް އިސްކަންދީ، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
”އަޅުގަނޑުމެންގެ އަމާޒަކީ ބަލިތަކުން ރައްކާތެރިވުމާއި، ކުރިއާލައި ފަރުވާ ހޯދުމަށް އިސްކަންދީ، ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުކޮށްދިނުމެވެ. އަދި ކޮންމެ ރަށެއްގައި، ކޮންމެ މުޖުތަމަޢެއްގައި، އެކަކު އަނެކަކަށް ހިތްހެޔޮކަމާއެކު އަޅާލާ، އޯގާތެރި ދިވެހިރާއްޖެއެއް ބިނާކުރުމެވެ.“ ރައީސް ވިދާޅުވިއެވެ.
ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަބަތުގައި، ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ތަޖުރިބާތަކާއި އަޑުތަކަށް ބިނާކޮށް، ރައްޔިތުންގެ ބޭނުންތަކާ އެއްގޮތްވާނޭހެން، އޯގާތެރި އަދި ފަސޭހައިން ލިބިދެވޭނެ ހަމަހަމަ ނިޒާމެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އަލުން ކަށަވަރުކުރައްވާކަން ފާހަގަކުރައްވާ އެމަނިކުފާނު ވިދާޅުވީ މި މަޤްޞަދު ޙާޞިލުކުރުމަށްޓަކައި، ’މެންޓަލް ހެލްތު ސްޓްރެޓީޖިކް އެކްޝަން ޕްލޭން 2025-2029‘ އިފްތިތާޙްކޮށް، ނަފްސާނީ ދުޅަހެޔޮކަމުގެ ޤައުމީ ސިޔާސަތަކާއި، ޖާމިޢު ’މެންޓަލް ހެލްތު އެކްޓް‘ އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށެވެ. އަދި މީގެ އިތުރުން، އަސާސީ ޞިއްޙީ ޚިދުމަތުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަން ހިމަނައި، އަތޮޅުތެރެއާއި ޚާއްޞަ ޚިދުމަތްތައް ހަރުދަނާކޮށް، ޓެލެ-މެންޓަލް ހެލްތާއި ކުއްލި ޙާލަތްތަކުގައި އެހީތެރިކަން ފޯރުކޮށްދޭ ނިޒާމުތައް ދަނީ ތަރައްޤީކުރެވެމުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.



