- އިސްތިހާރު -spot_img

ގެއްލުންތަކާއި، ހަސަދަވެރިކަމަށް މަގުފަހިވާ ކަންތައްތަކުން ދުރުހުލިވޭ – ހުކުރުޚުތުބާ

ހުކުރު ހުތުބާގައި ވިދާޅުވީ، އިސްލާމީ ރިސާލަތަކީ މުޅި އިންސާނިއްޔަތަށް ހިދާޔަތު ދެއްވުމަށް މާތް ﷲ ފޮނުއްވި މަތިވެރި ރިސާލަތެއް ކަމަށާއި މި ރިސާލަތުގެ މައިގަނޑު އަސާސްތައް ބިނާވެފައިވަނީ ލޯތްބާއި ރަޙުމާއި އޯގާތެރިކަމާއި، ހަމަޖެހުމާއި އަމާންކަމުގެ އަސާސުގެ މަތީގައި ކަމަށެވެ. އަދި އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެއްކަން ފާހަގަކުރައްވާ ހުތުބާގައި ވަނީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަޙުމާއި ހަމްދަރުދީގެ ރިސާލަތު ކަމަށާއި އިސްލާމްދީނުގެ ދުސްތޫރުކަމުގައިވާ ކީރިތި ޤުރްއާން ފެށިފައިވަނީ އޯގާވެރި އޯގާވަންތަ މާތް ﷲގެ އިސްމުފުޅުގެ ބަރަކާތުން ކަމަށެވެ.

ބައެއް މީހުން އިސްލާމްދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއްނެތް ހަރުކަށި ދީނެއްގެ ގޮތުގައި ކަމަށާއި އެ ދީނަށް ތަބަޢަވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއްނެތް ހަރުކަށި ބަޔެއްގެ ގޮތުގައި ކަމަށް ހުތުބާގައި ބުންޏެވެ. އެހެނަސް ޙަޤީޤަތުގައި އިސްލާމްދީނަކީ ރަޙުމަތުގެ ދީންކަމަށް ވަނީ ވިދާޅުވެފައެވެ.

”އިސްލާމްދީނާ މެދު، މި ދީނުގެ ޢަދުއްވުން ކުރަހައިފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ޙަޤީޤަތާ ޚިލާފަށް ކުރަހައިފައިވާ މަންޒަރެއް. ޙަޤީޤަތުގައި އިސްލާމްދީނަކީ އިންސާނިއްޔަތުގެ ދީން. ހެޔޮކަމާއި އޯގާތެރިކަން ފެތުރުމަށް ގޮވައިލާ ދީން. އަދި އެއީ ފަރުދުންނާއި މުޖުތަމައުތަކުގެ މެދުގައި ޞުލްޙަވެރިކަމާއި ހަމަޖެހުން ޤާއިމުކުރުމަށް މަސައްކަތްކުރާ ދީން“ ހުތުބާގައި ވިދާޅުވިއެވެ.

ހުތުބާގައި އިތުރަށް ވިދާޅުވީ، ރިވެތި އަހުލާގުގެ ވެރިޔަކަށް ވުމުން އެއީ ޤިޔާމަތް ދުވަހުގައި އެ މީހާގެ ދަރަޖަ އުފުލޭނެ ކަމެއް ކަމަށެވެ.

އިސްލާމީ އުންމަތުގެ އަފުރާދުންނަކީ، އެއް ބަޔަކު އަނެއް ބަޔަކަށް ރަޙުމްކުރާ، އޯގާތެރި، ބަޔަކަށްވުމަށް އިސްލާމްދީން ބާރު އަޅާ ކަމަށާއި މި މަތިވެރި ސިފަތަކުގެ ސަބަބުން ދުންޔަވީ އަމާންކަމާއި ހަމަޖެހުން ލިބި، އުޚުރަވީ ބާއްޖަވެރިކަން ލިބޭ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އަދި އެކުވެރިވެ، ދީނުގައި ވަރުގަދައަށް ހިފަހައްޓާއި ދެކޮޅުވެރިކަމާއި، ޙަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް ހުތުބާގައި ވަނީ ގޮވާލައްވާފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި