- އިސްތިހާރު -spot_img

ރާއްޖެއިން ޑްރަގްގެ ވަބާ ނައްތާލާނަން، އެންމެންގެވެސް އެއްބާރުލުން ބޭނުންވާނެ: ރައީސް

ރައްޔިތުންގެ އެއްބާރުލުމާއެކު، ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން މިހާތަނަށް ބޭއްވި އެންމެ ބޮޑު ޖަލްސާ ކަމުގައިވާ ”ދިވެހިންގެ ރާއްޖެ“ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ގައުމުގައި ހުރި މައްސަލަތައް ހައްލު ކުރުމަކީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅެއް ކަަމަށެވެ. އަދި ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކަމަށްވާ ”އޮޕަރޭޝަން އަލިމަގު“ އޮޕަރޭޝަންގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ފެށި ހަރަކާތުގައި ވިޔަފާރި ކުރާ 100 އަށް ވުރެ ގިނަ މީހުންނާއި ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައިވެއެވެ.

”500 އަށްވުރެ ގިނަ ފުލުހުން ނުކުމެ، އެ ހިންގި އޮޕަރޭޝަންގައި 100 އަށްވުރެ ގިނަ މީހުން ހައްޔަރުކުރިއިރު، މިއީ ޑްރަގްގެ ވިޔަފާރި ކުރާ މީހުން. ޑްރަގް ވިޔަފާރި ކުރާ 100 އަށްވުރެ ގިނަ މީހުންނާއި ތަކެތި އަޅުގަނޑުމެން ނަގައިފިން އިއްޔެގައި.“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ އިހްލާސްތެރިކަމާއި އެކުގައި ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ. އަދި އެންމެން އެކީގައި މަސައްކަތްކޮށްފި ނަމަ، ރާއްޖޭގައި ޑްރަގްގެ ވަބާ ފޮހެލެވޭނޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މަޖިލިހަށް ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ބިލް އިސްލާހުވެގެން އަންނައިރު، މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރި ކުރާ މީހުންނަށް އިސްލާމް ދީނުގައި އޮތް އެންމެ މަތީ އަދަބު ދިނުމަށް ކަނޑައަޅާ، ފާސް ކުރައްވާނެ ކަމަށެވެ.

”ޑްރަގް އެތެރެކޮށް ވިޔަފާރި ކުރާ މީހުންނަށް އިސްލާމް ދީނުގައި އޮތް އެންމެ މަތީ އަދަބު ދޭން ހިމަނާފައި އިރާދުރެއްވިއްޔާ ރައްޔިތުންގެ މަޖިލިހުން ފާސް ކުރާނަން. މި ގައުމުން އިރާދަކުރެއްވިއްޔާ ޑްރަގްގެ ވަބާ ނައްތާލާނަން، އެހެން ނަމަވެސް އެންމެންގެ ފުރިހަމަ އެއްބާރުލުން އެބަ ބޭނުންވޭ ޒުވާނުން މިކަމުން ސަލާމަތް ކުރަން ޖެހޭ. އަޅުގަނޑުމެން ދަރިން މިކަމުގެ ތެރޭގައި އުޅެން ބޭނުމެއް ނުވޭ،“. ރައީސް ވިދާޅުވިއެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި