ފަލަސްތިނަށް ހިމާޔަތް ދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ފަލަސްތީނުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ފަލަސްތީނީ ދައުލަތެއް ގާއިމުކުރުމަށާއި އަމިއްލަ ނަފްސު ކަނޑައެޅުމުގެ ހައްގަށް ދިވެހިރާއްޖެއިން ދެމުންގެންދާ ދެމެހެއްޓެނިވި އެއްބާރުލުން ފާހަގަކުރައްވާ ރައީސް ވަނީ ފަލަސްތީނަށް ރައްޖެއިން އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންވެސް ދެއްވާފައެވެ. އަދި ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ އަހުންނާއި އުހުތުންނާއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ.
”1967 ވަނަ އަހަރުގެ ކުރީގެ ސަރަހައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޖެރޫސަލަމަކީ އޭގެ ވެރިރަށް ކަމުގައި ބަލައިގެން، މިނިވަން އަދި އަމިއްލަވަންތަ ފަލަސްތީނު ދައުލަތެއް އަދުލުވެރިކަމާއެކު ގާއިމުކުރުމަށް ގޮވާލުމުގައި ބައިނަލްއަގްވާމީ މުޖުތަމައު ފަހަތަށް ނުޖެހުމަށް އަޅުގަނޑުމެން ގޮވާލަމެވެ.“ ރައީސް ވިދާޅުވިއެވެ.
މި ތާރީހީ ދުވަހުގައި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއަށާއި، ބޮޑުވަޒީރު މުހައްމަދު މުސްތަފާއަށާއި، ސަރުކާރަށާއި، އަދި ފަލަސްތީނުގެ އެންމެހައި ރައްޔިތުންނަށް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާ ހެޔޮ ދުއާވެސް ރައީސް ވަނީ ކުރައްވާފައެވެ.
”މާތްﷲ އަޅުގަނޑުމެންގެ ލޮބުވެތި އަހުންނާއި އުހުތުންގެ ކެތްތެރިކަމާއި ހިތްވަރު އިތުރުކޮށްދެއްވާށިއެވެ.“ ރައީސް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ފަލަސްތީނުގެ އުހުއްވަތްތެރި ރައްޔިތުންގެ ހައުގުގައި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އިރުމަތީ ގުދުސް ހިމެނޭގޮތަށް 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ފަލަސްތީނުގައި މިނިވަން ދައުލަތެއް ގާއިމުކުރުމަށާއި އދ.ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށްވެސް ރައީސް މީގެ ކުރިން ގޮވާލައްވާފައިވެއެވެ.
ހަމައެހެންމެ ޕީއެންސީގެ ފަރާތުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިޒްރޭލް ފިޔަވައި އެހެން ހުރިހާ ގައުމަކަށް ރާއްޖެއިން މަރުހަބާ ކިޔާނޭ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާ ދޭހާ ހިނދަކު، އިޒްރޭލުގެ ޕާސްޕޯޓަށް ރާއްޖެއިން މަރުހަބާ ނުކިޔާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.





