އަންނަ އަހަރުން ފެށިގެން ތެލެސީމިއާ ކުދިންނަށް އެލަވެންސެއް ދިނުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ޕީއެންސީގެ ފަރާތުން ރޭ ބެއްި ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ހީނާ ވިދާޅުވީ ތެލެސީމިއާ ކުދިންނަށް އަންނަ އަހަރުން ފެށިގެން އެލަވެންސެއް ދިނުމަށް ހަމަޖެހިފައިވާއިރު އެކަނިވެރިމައިންނާއި، ބަފައިންގެ އެލަވެންސްވެސް އަންނަ އަހަރުން ފެށިގެން ބޮޑު ކޮށްދެއްވާފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ރައްޔިތުންނަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.
ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދާނާ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންގެންދަވާ ކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އާސަންދަ މެދުވެރިކޮށް އައިވީއެފް ހެދޭނެ މަގުފަހިކޮށްދެއްވާ، ފާޓިލިޓީ ކެއާ ޓްރަސްޓް ފަންޑު އުފައްދާ މިހާތަނަށް މި ފަންޑުގެ ތެރެއިން ފަރުވާ ހޯދަމުން ދިޔަ 23 ފަރާތެއް ކާމިޔާބުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ވޭތުވެ ދިޔަ އަހަރުތަކުގައިވެސް ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ، އައިނު ހެއްދުން ކަން ފާހަގަކުރައްވާ ހީނާ ވިދާޅުވީ އެކަމަށް ރައްޔިތުންގެ އަތުން ބޮޑު ހަރަދެއް ހޭދަކޮށްގެން އައިނު ހައްދަން ޖެހިފައިވާ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އާސަންދަ މެދުވެރިކޮށް ހިލޭ އައިނު ހެއްދޭ މިންވަރު 2000 ރުފިޔާއަށް ބޮޑު ކޮށްދެއްވާފައިވާކަން ހީނާ ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ ވިޔަފާރީގެ ދާއިރާއިން އަންހެނުންނަށް ލޯނު ސްކީމުތައް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ކުންފުނިތަކުގެ ބޯޑުތަކުގައި ތިބި އަންހެނުން އިތުރުކޮށްދެއްވައި، ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ރައީސް އަބަދުވެސް މަސައްކަތްކުރައްވަނީ، ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ކަމަށް ހީނާ ވިދާޅުވިއެވެ. އަދި ވެރިކަމުގައި ވޭތުވެ ދިޔަ ދެ އަހަރު ތެރޭ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް، އަތޮޅުތެރޭގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ އެ ކަންކަމަށް ހައްލު ގެނެސްދިނުމަށް ގިނަ މަސައްކަތްތަކެއް ރައީސް ކުރައްވަމުން ގެންދަވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ ރައީސް މުއިއްޒުއަކީ، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދެއްވާ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ވެރިއެއްކަމުގެ ލާމަސީލު މިސާލެއް ކަމަށެވެ.





