ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ މިދިޔަ އަހަރާއި މި އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ސާޖިދާ ވިދާޅުވީ ކޮންމެ އިންސާނެއްގެވެސް ފުރަތަމަ މުދައްރިހަކީ، އެހީތެރިޔާއަކީ، ހިޔާވެއްސަކީ، އަދި މަދަރުސާއަކީ އެމީހެއްގެ މަންމަ ކަމަށެވެ. އަދި އެކަމަނާ ވަނީ ގައުމަށް އެކި ރޮނގުރޮނގުން ހިދުމަތްކުރާ މީހުން ބިނާކުރުމުގައި މައިން ވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
ސާޖިދާ ވިދާޅުވީ އަންހެނުން، ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް، މައިވަންތަ ކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭ ކަމަށެވެ. އަދި އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައިކަންވެސް ސާޖިދާ ފާހަގަކުރެއްވިއެވެ.
ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާއީ ޒިންމާތަކަށް އިޝާރާތްކުރައްވާ ސާޖިދާ ވިދާޅުވީ ފަންނިއްޔާތަށް އަހުލުވެރިވުމާއި، ވިޔަފާރީގެ އާ ގޮތްތައް އީޖާދުކުރުމާއި، ސިޔާސީ ފުރުސަތުތަކަށް ތައްޔާރުވުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ތާރީހުގެ ސަފުހާތަކަށް ހަވާލާދެއްވައި ސާޖިދާ ވިދާޅުވީ ދިވެހި އަންހެނުންނަކީ، އިލްމީ، ވިސްނުންތެރި، ދުރުވިސްނޭ، އަބުރުވެރި، ހުޝިޔާރު އަދި ގާބިލު ބައެއް ކަމަށެވެ.
އެކަމަނާ ވަނީ ރޭގެ ރަސްމިއްޔާތުންވެސް ސާބިތުވެގެން ދިޔައީ ދިވެހި އަންހެނުންގެ ގާބިލުކަމާއި، ހީވާގިކަމާއި، މުރާލިކަން އަދި ނަތީޖާ ހާސިލުކުރުމުގައިވާ ގުރުބާނީކަން ފާހަގަކުރައްވާފައެވެ.
މިދިޔަ އަހަރާއި މިއަހަރުގެ ރެހެންދި އެވޯޑު 14 ބޭކަނބަލަކަށް ލިބިފައިވާއިރު ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުއިއްޔާއަކަށްވެސް މި އެވޯޑު ލިބިފައިވެއެވެ. ރޭގެ ހަފުލާގައި އެފަރާތްތަކަށް އެވޯޑާއި ބްރޫޗް ހަވާލުކޮށްދެއްވީވެސް ސާޖިދާއެވެ.
ރެހެންދި އެވޯޑަކީ، ގައުމީ ހިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކޮށް، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި، އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދެއްވާ ހާއްސަ އެވޯޑެކެވެ.





