ވަށާޖެހޭ ތަރައްގީއަކަށް ވާނީ އެންމެންގެ ފިކުރު ތަރައްގީ ކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ރޭ ޒުވާނުންގެ މަރުކަޒުގެ ހޯލުގައި ބޭއްވި“ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 104″ ގެ ކާމިޔާބީ ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ހާއްސަކޮށް ޅަދަރީންގެ ފިކުރު ތަރައްގީކުރުމަށްޓަކައި ތައުލީމީ ސިޔާސަތަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ. އަދި މި ސަރުކާރުގެ ތައުލީމީ ސިޔާސަތު އޮންނާނީ ވަށާޖެހޭ ތައުލީމީ ސިޔާސަތެއް ބިނާކުރުމަށް ކަން ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ވަށާޖެހޭ ތައުލީމީ ސިޔާސަތަކީ ތުއްތު ކުދިން ބޮޑުކުރަންޖެހެނީ އައިޑެންޓިޓީ ހިމާޔަތްކޮށް، އެ އައިޑެންޓިޓީއަށް ފަހުރުވެރިވެ، އެއާމެދު ފިކުރުކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ވިސްނުމުގައި ތިބޭ ބައެއްގެ ގޮތުގައި ތަރައްގީކުރެވިގެން ކަމަށެވެ.
ރައީސް ވިދާޅުވީ އެކަން ކުރެވޭނީ ވަށާޖެހޭ ތައުލީމީ ސިޔާސަތުގެ ތެރެއިން ސިޔާސަތު ބައްޓަން ކުރެވިގެންކަން ކަމަށެވެ. އަދި އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ގައުމިއްޔަތު މާއްދާ ތައާރަފުކުރެއްވީ އެ ބޭނުންފުޅުގައި ކަމަށްވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ މިހާރު މި މާއްދާ ވަނީ އެންމެ ދަށް، ކީ-ސްޓޭޖް ތަކުގައި ކިޔަވައިދޭން ފަށާފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ އޮންނަ އުސޫލުގެ ތެރެއިން އެކަން ހިނގަމުންދާނެ ކަމަށެވެ.
ރައީސް ވިދާޅުވީ މިސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ގްރޭޑް 10 ނިންމާ ކުދިން ފާސްވާ ނިސްބަތް ހުރީ ވަރަށް ދަށުގައި ކަމަށެވެ. އަދި އެގޮތުން 2023 ގައި 31 އިންސައްތައިގައި ހުރި މި ނިސްބަތް 2025 ގައި 49 އިންސައްތައަށް މަތިކުރެވިފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދެ އަހަރު ދުވަހުގެ ތެރޭގައި މިފަދަ ކާމިޔާބީއެއް ހޯދުމަކީ އާދައިގެ ކަމެއް ނޫންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ މުޅި ތައުލީމީ ނިޒާމުގެ ތެރޭގައި ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.
މަދަރުސީ ތައުލީމުގެ ތެރެއިން ހުނަރާއި މަސައްކަތްތެރިކަން ކުރިއެރުވުމަށްޓަކައި ގްރޭޑް 10 ނިންމާ ކުދިންނަށް އޭ-ލެވެލް ފެންވަރަށް ކުރިއަށްދެވޭނެ ތިން ޕާތުވޭއެއް ކަނޑައަޅުއްވައި، އެކެޑަމިކް، ވޮކޭޝަނަލް ސްކޫލް އަދި ވާކް ބޭސްޑް (އެޕްރެންޓިސްޝިޕް) ގެ މަގުތަކުން ދަރިވަރުންނަށް ކުރިއަށްދެވޭނެ މަގުފަހި ކޮށްދެއްވާފައިވާކަންވެސް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
އެގޮތުން މީގެބޭނުމަކީ އޯ-ލެވެލް އަދި އޭ-ލެވެލަށް ކިޔަވައިދޭ ސްކޫލްތައް އިތުރުކުރުމާއެކު، ދަރިވަރުން ސްކޫލް ނިންމާ އަހަރަކީ ގްރޭޑް 10ގެ ބަދަލުގައި ގްރޭޑް 12 އަށް ހެދުންކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ތައުލީމީ ނިޒާމު ވަރުގަދަކުރުމުގައި އެމަނިކުފާނު ވެވަޑައިގެން ވައުދުފުޅާއި އެއްގޮތަށް ކުރީގައި އޮތް ގޮތަށް ޖެނުއަރީ މަހުގައި ދިރާސީ އައު އަހަރު ފެށޭގޮތަށް ހެއްދެވުން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެގޮތުން މިދިޔަ ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން ދަރިވަރުންގެ ތައުލީމީ ހަޔާތުން ހައެއްކަ މަސް ގެއްލިގެންދިޔަ ކަމަށެވެ.
ހަމައެހެންމެ މި ސަރުކާރުން ވަރަށް ވިސްނުންތެރިކަމާއެކު މަސައްކަތްކުރައްވައިގެން، މިއަންނަ އަހަރުގެ ޖެނުއަރީގައި ކުދިން ނިކުންނާނީ އެމަނިކުފާނު ވައުދުފުޅާއި އެއްގޮތަށް، އެ ވައުދު ފުއްދިގެން، ދިރާސީ އައު އަހަރު ޖަނަވަރީގައި ފަށާގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.





