- އިސްތިހާރު -spot_img

”ފަތުރުވެރިކަން އެންމެ ދަށް އަތޮޅުތަކުގައި ފަތުރުވެރިކަން ތަރައްގީ ކުރާނަން“

ފަތުރުވެރިކަން އެންމެ ދަށް ހުރިހާ އަތޮޅެއްގައި ފަތުރުވެރިކަން ތަރައްގީ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން ރޭ ޒުވާނުންގެ މަރުކަޒުގައި ކުރިއަށްދިޔަ ”ރައްޔިތުންނާއެކު ކުރިއަށް – ހަފުތާ 104“ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ފަތުރުވެރިކަމުގެ އެނދުތަކާއި ވަޒީފާގެ ފުރުސަތުތައް އިތުރުކުރެވި، ރައްޔިތުންނަށް އޭގެ މުއްސަނދިކަން ލިބިގެންދާނެކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ފަތުރުވެރިކަން ފުޅާކުރުމަށް މިހާތަނަށް ޖުމްލަ 6223 އެނދު ރަޖިސްޓްރީ ކުރެވިފައިވާ ކަމަށެވެ. އެމަނިކުފާނުގެ ވަނީ ފަތުރުވެރިކަން ނެތް އަތޮޅުތަކަށް ފަތުރުވެރިކަން ގެންދިއުމުގެ ސިޔާސަތުގެ ތެރޭގައި ހިނެނިގެން ހދ. ނާގޯށި ތަރައްގީކުރުމަށްޓަކައި ސަރުކާރުން އެހީތެރިކަން ދެއްވައިގެން މަސައްކަތް ފައްޓަވާފައިވާކަން ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ ހަމަ އެގޮތަށް، އައްޑޫ ސިޓީ ޝަންގްރިއްލާ ރިސޯޓު މިއަހަރު ނިމޭއިރު ހުޅުވާނެކަމުގެ ޔަގީންކަން އެތަނުގެ އޯނަރުން ދެއްވާފައިވާ ކަމަށެވެ.

މީގެއިތުރުން އައްޑޫ ސިޓީގައި އައްސޭރި ޓޫރިޒަމްގެ މަޝްރޫއެއްގައިވެސް ސޮއިކުރެވިފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ވަރަށް އަވަހަށް ހަންކެޑޭގެ މަޝްރޫއަށްވެސް އިންވެސްޓްކުރާ ފަރާތުން ލީޒް އެކުއިޒިޝަން ކޮސްޓް ދައްކައި އެއްބަސްވުމުގައި ސޮއިކުރައްވާނެ ކަމަށެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ފަތުރުވެރިކަން ފުޅާކުރުމަށް ސަރުކާރުން ދެއްވާފައިވާ ލުއިތަކުގެ ތެރެއިން އެތައް ފަރާތަކުން ބިޑް ހުށައަޅައިގެން އެކި މަރުހަލާތައްވެސް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މަސްވެރިކަމާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަށްބަލާއިރު، މި ސަރުކާރު އައިއިރު މަސްވެރިން ތިބީ ބިކަވެ ދޫކޮށްލާފައި ކަމަށެވެ. އަދި މި ސަރުކާރުން މަސްވެރިންނަށް އިސްކަންދީގެން މަސައްކަތް ކުރައްވާފައިވާނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެތައް އައިސްޕްލާންޓެއް މަރާމާތުކޮށް އަލަށް ހަތަރު ރަށެއްގައި އައިސްޕްލާންޓް ހުޅުވި، ހަ ރަށެއްގައި މަސައްކަތް ހިނގަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވީ އާރްއެސްޑަބްލިއު ލޯނު ދީގެންވެސް އެތައް ދޯންޏެއްގައި މި ނިޒާމު ގާއިމުކުރެވިފައިވާ ކަމަށާއި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިހާރުވެސް އާރްއެސްޑަބްލިއު ގާއިމުކުރުމަށް އާ ފުރުސަތެއް ހުޅުވާލައިފައިވާ ކަމަށެވެ.

މި ދައުރު ފެށުނުއިރު 9500 ޓަނުގައި ހުރި ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ މި ފަސް އަހަރު ނިމޭއިރު 24500 އަށް އިތުރުކުރެވޭނެ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މީގެ އިތުރުން ކޫއްޑޫ އިތުރަށް ތަރައްގީ ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި މިސަރުކާރު ވެރިކަމާ ހަވާލުވިއިރު މަސްވެރިންނަށް ނުދީހުރި ދުއިސައްތަ އެތައް މިލިއަނެއްގެ ފައިސާ ހަލާސްކޮށް، މިދިޔަ ޑިސެންބަރު 10 އިން ފެށިގެން އެންމެ ދުވަހެއްވެސް ނުވެއްޓި ބަރާބަރަށް ފައިސާ ދެމުންދާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ސަރުކާރުން އިއުލާނުކުރި ހުރިހާ ރަށެއްގައި އަންނަ މާޗު މަހުގެ ނިޔަލަށް ފިއުލް ސްކިޑް ގާއިމުކުރެވޭނެކަމުގެ ޔަގީންކަން ސްޓޭޓް ޓްރޭޑިންގް އޮގަނައިޒޭޝަން (އެސްޓީއޯ) އިން ދެއްވާފައިވާ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި