މިހާރު ބައިނަލްއަގްވާމީ ބޭންކުތަކުންވެސް ބީއެމްއެލް ބަލައިގަނެފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި ފާހަގަކުރާ ”ހަފްތާ- 104“ އާއި ބެހޭ ގޮތުން ޕީއެސްއެމްއަށް ދެއްވި ހާއްސަ އިންޓާވިއުއެއްގައެވެ.
ޝަރީފު ވިދާޅުވީ ބޭންކުގެ ހިންގުމާއި އެމަނިކުފާނު ހަވާލުވެ ވަޑައިގެންނެވިއިރު ބޭންކަށް ގިނަ ގޮންޖެހުން ކުރިމަތިވެފައިވާ ކަމަށެވެ. އެގޮތުން ކޯވިޑާއެކު ފޮރިން އެކްސްޗޭންޖް ޕޮޒިޝަން ދަށްވެގެން ދިޔަ ގޮތަށް އެކަމުން އަރައި ނުގަނެވި އޮތް ކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ ނަމަވެސް މިހާރު ސަރުކާރުގެ އެހީތެރިކަމާއެކު އެ ހަލާތުން އަރައިގަނެވިފައިވާ ކަމަށެވެ.
ޝަރީފު ވިދާޅުވީ ބޭންކުގެ މާލީ ހާލަތުވެސް ރަނގަޅު ކަމަށާއި ބޭންކު ހިންގަނީ ފައިދާގައި ކަމަށެވެ. އަދި ބޭންކަށް ފައިދާވަމުންދާއިރު ބޭންކުން މަސައްކަތް ކުރަނީ، އާންމުންނަށްވެސް އެކަމުގެ މަންފާ ކުރާނެ އުސޫލެއްގެ ތެރެއިން ކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ އާންމު އިޖްތިމާއީ ޒިންމާގެ ދަށުން ބޭންކުން ހަރަދުތަކެއް ކުރައްވާ ކަމަށެވެ.
ޝާރީފު ވިދާޅުވީ 10 މިލިޔަން ރުފިޔާގެ ކެޕިޓަލްއަކުން ބޭންކު ފެށި ނަމަވެސް މިއަދު 15 ބިލިޔަން ރުފިޔާގެ ކެޕިޓަލްއަކަށް އައިސްފައިވާ ކަމަށެވެ. އަދި އެހެން ކަމުން ވިޔަފާރި ފައިދާ އިތުރުކޮށް ކެޕިޓަލް ބޭސް ބޮޑުކުރަނީވެސް ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމަށް ކަމަށް ޝަރީފު ވިދާޅުވިއެވެ.




