އިޒްރޭލުން ޣައްޒާއަށް ދެމުންދާ ނުރައްކާތެރި ހަމަލާތަކުގައި އިއްޔެވެސް ޣައްޒާއިން 28 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓްތަކުން ހާމަވެއްޖެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިހަމަލާ ތަކުގައި ގިނަ ބަޔަކު ޝަހީދުކޮށްލާފައިވާއިރު 77 މީހުންނަށް ބޮޑެތި ޒަހަމްތަކެއް ލިބިފައެވެ.
ޣައްޒާ ސިޓީގައި ހުރި އަލްޖަޒީރާ ރިޕޯޓަރު، ހަނި މަހްމޫދު ބުނީ އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާ ތަކުގައި އިއްޔެވަނީ ތިން ތަނަކަށް ޓާގެޓްކޮށް ހަމަލާދީފަ ކަމަށެވެ. އެތަންތަނުގެ ތެރޭގައި ހިމެނެނީ ޣައްޒާގެ އަލް މަވާސީ އަދި ހާން ޔޫނިސް ސަރަހައްދުކަމަށް އޭނާ މައުލޫމާތު ދީފައިވެއެވެ.
އިޒްރޭލުން އިއްޔެ ދިން ހަމަލާގައި އެއް އާއިލާއެއްގެ 10 މީހުން ޝަހީދުވެފައިވާއިރު ބިލްޑިންއެއްގެ ތެރޭގައި ތިބި އެއްބަނޑު އެއްބަފާ ތިން ކުދިންނާއި އެކުދިންގެ މައިންބަފައިންވެސް ޝަހީދުވެފައިވެއެވެ.
ޣައްޒާއަށް އިޒްރޭލުން ކޮންމެ ދުވަހަކުވެސް ހަމަލާ ދެމުންދާއިރު ހަމަލާތަކަށް ބިރުން އެތައް ބަޔަކު އެސަރަހައްދު ދޫކޮށް ގޮސްފަވެއެވެ. އަދި ”ސީޒްފަޔާ“ އިއުލާން ކުރި ނަމަވެސް މި ހަނގުރާމެއް އައިސްފައިނުވާކަން ފާހަގަކުރެވެއެވެ. ކޮންމެ ދުވަހަކުވެސް ޣައްޒާގެ ރައްޔިތުންވަނީ ބިރުވެރިކަމާއި ހާސްކަމެއްގެ ތެރޭގައެވެ.
އިޒްރާއީލުގެ އަސްކަރިއްޔާއިން ހާމަކުރާ ގޮތުގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުންނަ ހަމާސްއަށް ނިސްބަތްވާ ތަންތަނަށް ހަމަލާ ދީފައި ވަނީ އެ ސަރަހައްދުގެ ދެކުނުގެ ހާން ޔޫނުސްގައި ހަމާސް ސިފައިން ބަޑި ޖެހި ހާދިސާގެ ސަބަބުން ކަމަށެވެ.




