އަޅުގަނޑުމެންނަކީ އެހެން މީހުންގެ ރިހުންތަކާއި ވޭންތަކާއި ދަތިތަކަށް އިހުތިރާމް ކުރާބަޔަކަށް ވާންޖެހޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިފަދައިން ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް މޯލްޑިވްސް ޕޯޓް ލިމިޓެޑް (އެމްޕީއެލް) އިން ފެށި ”ފަހި ޕްރޮގްރާމް- އެކުއެކީ، ގުޅިގެން“ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މީހުންގެ މެދުގައި ތަފާތުކުރުންތައް ހުރުމަކީ ދުނިޔޭގެ ތަބީއަތް ކަން ފާހަގަކުރައްވާ ސާޖިދާ ވިދާޅުވީ އިންސާނުންގެ ތެރޭގައި އެކި ހުނަރުތަކާއި ގާބިލުކަން ހުރި މީހުން ތިބޭއިރު ނުކުޅެދުންތެރި އުނިސިފަތައް ހުންނަ މީހުން ދުނިޔޭއާއި އެމީހެއްގެ ގައުމަށް ކުރިއެރުންތައް ހޯދާދީފައިވާނެ ކަމަށެވެ.
ސާޖިދާ ވިދާޅުވީ އެފަދަ މީހުންގެ ފަރާތުން މުޅި މުޖުތަމައުއަށާއި އިންސާނިއްޔަތަށްވެސް ބޮޑެތި މަންފާތަކެއް ލިބެމުންދާ ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް ދޭންޖެހޭ އަހައްމިއްޔާތާއި ގަދަރާއި ހިތްވަރާއި އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތެއްގައި ނުވެވޭކަން ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއިމެދު މުޖުތަމައިން ދެކޭ ގޮތް ބަދަލުކުރަންޖެހޭނެ ކަމަށެވެ.
އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން ކަން ފާހަގަކުރައްވާ ސާޖިދާ ވިދާޅުވީ ކޮންމެ މީހަކުވެސް އަނެކާއަށް އިހުތިރާމް ކުރަންވާނެ ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުގެ ވަޒިފާގެ ފުރުސަތު ފަހިކޮށްދިނުމަކީ އިންސާނީ ކަރާމަތަށް އިސްކަން ދިނުމުގެ މަތިވެރި ނިންމުމެއް ކަމަށްވެސް ސާޖިދާ ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވި މި ޕްރޮގްރާމަކީ އެތައް ދިވެހި ރައްޔިތުންގެ ހިތްދަތި އިހުސާސްތަކާއި ވޭންތަކަށް ދެވުނު ލޯތްބާއި ކުލުނުވެރިކަމުގެ ފަރުވާއެއް ކަމަށް ވިދާޅުވިއެވެ.
ހަމައެހެންމެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާއި އެއްގޮތަށް އެމްޕީއެލްއިން އިންތިޒާމްކޮށްގެން ފެށި ޕްރޮގްރާމަކީ އަމިއްލަ އަސާސީ ބޭނުންތައް އަމިއްލަ މަސައްކަތުން ފުއްދުމުގެ އަބުރުވެރި ފުރުސަތު އެތައް ދިވެހި ރައްޔިތުންނަށް ފަހިވެގެންދާނެ ޕްރޮގްރާމެއް ކަމަށްވެސް އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.





