ދިވެހިރާއްޖޭގައި ބިނާކުރާ އެންމެ ބޮޑު ވަޤުފް އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު، މި މަހު ފަހުކޮޅު، ހުޅުމާލޭގައި ބޭއްވުމަށް މަސައްކަތްޕުޅު ކުރައްވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގައި ގާއިމުކުރާ ދެވަނަ ވަގުފު އިމާރާތް، ”ދާރުލް އަރްގަމް“ ގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަގުފު އިމާރާތް ގާއިމުކުރަނީ މާލެ ހެންވޭރު 64 ނަމްބަރު ކޮށީގައެވެ. އަދި މި އިމާރާތުގައި 12 ފަންގިފިލާ ހިމެނޭއިރު މި އިމާރާތަކީ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވޭ އިމާރާތެއް ކަން ފާހަގަކުރެވެއެވެ. ހަމައެހެންމެ އިމާރާތުގައި ބޭސްމެންޓަކާއި ގްރައުންޑުގައި ޕާކު ކުރެވޭ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބުންޏެވެ.
މި އިމާރާތަކީ 2000 އަކަފޫޓުގެ ސަރަހައްދެއްގައި ގާއިމުކުރާ އިމާރާތެއް ކަމަށްވާއިރު މި އިމާރާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާއިއެވެ. އަދި މި އިމާރާތުގައި 12 ފަންގިފިލާ ހިމެނޭއިރު މި އިމާރާތަކީ ބީއެމްއެލް އިސްލާމިކްގެ އިސްލާމިކް ފައިނޭންސިންގެ ފެސިލިޓީއެއްގެ ދަށުން ކުރިއަށްގެންދާ، 39.4 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.
މީގެ އިތުރުން ފުރަތަމަ ފަންގިފިލާގައި ރިސެޕްޝަނެއް ގާއިމުކުރުމަށް ހަމަޖެހިފައިވާއިރު އިމާރާތުގެ ދެވަނަ ފަންގިފިލާގައި ކޮންފަރެންސް ހޯލެއް ގާއިމްކުރުމަށް ހަމަޖެހިފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ. އަދި އެއް ވަނަ ފަންގިފިލާއާއި 12 ވަނަ ފަންގިފިލާ އާއި ހަމައަށް ޒަމާނީ އޮފީސްތަކާއި މީޓިން ރޫމުތަކުގެ އިތުރުން ނަމާދު ކުރާ ކޮޓަރިވެސް ހިމެނޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން އިމާރާތުގެ ރޫފްޓޮޕް ތަރައްގީކުރަނީ އޯޕަން ޓެރަސްއެއް ގޮތުގައި ކަމަށް ވުޒާރާއިން ބުންޏެވެ. އަދި އިމާރާތުގައި ލިފްޓު ހަރުކުރުމަށް ހަމަޖެހިފައިވާއިރު ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ވަދެ ނިކުމެ ހެދޭނެ އިންތިޒާމްވެސް ގާއިމުކުރެވިގެންދާނެ ކަމަށް ވުޒާރާއިން ބުންޏެވެ.
މި އިމާރާތުގެ މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވަނީ ދޮޅު އަހަރުދުވަހުގެ ތެރޭގައެވެ. އަދި މި މަޝްރޫއު ނިމުމުން، މި އިމާރާތުން އަހަރަކު ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނޭކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އަންދާޒާ ކޮށްފައިވެއެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖޭގެ މުސްތަގުބަލަށާއި، އިސްލާމީ ހިދުމަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދެއްވާ އަހުމިއްޔަތުކަން ފާހަގަކުރައްވާ ކަމަށާއި އެކަމަށް ރައީސްއަށް ޝުކުރުއަދާކުރާ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސްވެސް ބައިވެރިވެވަޑައިގެންފައިވާއިރު މި އިމާރާތުގެ ބިންގާ އަޅުއްވާދެއްވީ، ވަޒީރު ޝަހީމްއާއި، އާރްސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ އާދަމް ރަޙީމެވެ.
މި މަޝްރޫއުއަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅުގެ ތެރެއިން އެއް ވައުދުފުޅެވެ. އަދި މިއީ ރާއްޖޭގައި ވަގުފު ފަންޑު އިތުރަށް ފުޅާކޮށް އިސްލާމީ ދާއިރާއަށް މާލީ މަންފާ ލިބޭނެ ވަސީލަތްތައް އިތުރުކުރުމަށް ކުރިއަށް ގެންދެވޭ މުހިއްމު މަޝްރޫއުއެކެވެ.





