- އިސްތިހާރު -spot_img

އައްޑޫ ހިތަދޫގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް ގާއިމުކުރުމަށް ސަރުކާރުން މަރުހަބާކިޔައިފި

ދިވެހިރާއްޖޭގެ އައްޑޫ ސިޓީ ހިތަދޫގައި އިންޓާނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަންއެއް ގާއިމްކުރުމަށް ގޫގުލްއިން ނިންމުމާއި ގުޅިގެން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.

އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެމެރިކާގެ ނިއުޔޯކް ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނާއި ގޫގުލްގެ އެގްޒެކެޓިވްސްއާ ދެމެދު ބޭއްވުނު މަޝްވަރާތަކަށްފަހު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މި ތާރީހީ މަޝްރޫއަކީ ދުނިޔޭގައި ކުރިއަރަމުންދާ ޓެކްނޮލޮޖީ އާއި އިނޮވޭޝަންގެ ދާއިރާގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

ހަމައެހެންމެ މި ފެސިލިޓީ ވެގެންދާނީ ބައިނަލްއަގުވާމީ ސަބްމެރިން ކޭބަލްތައް ލޭންޑްކުރުމުގެ ގާބިލުކަން ލިބިފައިވާ ފެސިލިޓީއެއް ކަމަށްވާއިރު މި މަޝްރޫއުގެ ސަބަބުން، ރާއްޖެ ވެގެންދާނީ އޭޝިއާ، އޯޝޭނިއާ، އެފްރިކާ، މެދުއިރުމަތި އަދި ޔޫރަޕު ހުޅަނގުގެ އިތުބާރުހުރި ޑިޖިޓަލް ގޭޓްވޭއެއްގެ ގޮތުގައި ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.

މިއީ، އިންޑިއާ ކަނޑުގައި ގާއިމުވެގެންދާ ވިލާތްތައް ކަނެކްޓިވިޓީ ކޮރިޑޯގައި ރާއްޖެ މައި ހަބެއްގެ ގޮތުގައި ގާއިމުވުމަށް ލިބޭނެ ފުރުސަތެއް ކަންފާހަގަކޮށް އެ ވުޒާރާ އިން ބުނީ މާލޭގެ އިތުރުން ކުޅުދުއްފުށީގައި ގާއިމުކޮށްފައިވާ ކަނެކްޓިވިޓީ ޕޮއިންޓާއި އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކުރެވޭ މި އިންޓާނޭޝަނަލް ކަނެކްޓިވިޓީ ޕޮއިންޓްތަކާއެކު، ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް މަގުފަހިވެ، ސަރަހައްދީ މުވާސަލާތީ މައި މަރުކަޒެއްގެ ގޮތުގައި ރާއްޖެ ވެގެންދާނެ ކަމަށެވެ.

ހަމައެހެންމެ ގޫގުލްގެ މި އިންވެސްޓްމަންޓުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު ބޮޑެތި އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓްކުރުމަށް ޝައުގުވެރިވާ މިންވަރު އިތުރުވެގެންދާނެ ކަމަށާއި ކްލައުޑް ސާވިސަސް، ފިންޓެކް، ޑިޖިޓަލް ކޮންޓެންޓް، އަދި ޓެކްނޮލޮޖީ ސްޓާޓް-އަޕްސް ފަދަ ދާއިރާތައް ރާއްޖޭގައި އިތުރަށް ތަރައްގީ ކުރުމުގެ ފުރުސަތު އޮތް މިންވަރު ދައްކުވައިދޭނެ ކަމަށްވެސް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

މި މަޝްރޫއަކީ ފަތުރުވެރިކަމުގެ އިތުރުން ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށްޓަކައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގައި ތެރެއިން މުހިއްމު މަޝްރޫއެކެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިހާރު ރާއްޖޭގައި ޓެލެކޮމިއުނިކޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ތަޖުރިބާކާރު ދެ ކުންފުނިކަމަށްވާ ދިރާގާއި އުރީދޫ މޯލްޑިވްސްގެ އެހީތެރިކަމާއެކުއެވެ.

މިކަމުން ދައްކުވައިދެނީ ޓެލެކޮމިއުނިކޭޝަން ދާއިރާގައި ރާއްޖޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް މަޝްރޫއު ތަންފީޒުކުރުމުގެ ތެރެއިން މައުލޫމާތާއި ތަޖުރިބާ ފޯރުކޮށްދިނުމަށް ގޫގުލްގެ ފަރާތުން ދޭ އަހައްމިއްޔަތުކަން ކަމަށް އިގުތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވުޒާރާ ހާމަކުރެއެވެ.

އެވުޒާރާއިން ބުނީ މި އިންވެސްޓްމަންޓަކީ ރައީސް މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖެއަށް ޑިޖިޓަލް އިންގިލާބީ ބަދަލުތައް ގެނުވައި، އުމްރާނީ ތަރައްގީއަށް މަގުފަހިވެގެންދާނެ އިންވެސްޓްމަންޓެއް ކަމަށެވެ. އަދި އިންޑިޔާ ކަނޑުގެ ސަރަހައްދުގައި ޑިޖިޓަލް ކަނެކްޓިވިޓީ ހަރުދަނާ ކުރުމަށާއި ވިލާތްތަށް ކަނެކްޓިވިޓީގެ ވިލުންވެރިކަން އިތުރުކޮށްދިނުމުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާވެގެންދާނެ ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

ސަރުކާރުގެ ފަރާތުން މި ފުރުސަތުގައި ގޫގުލްއިން ރާއްޖެއަށް ކުރާ އިތުބާރަށް ހޫނު މަރުހަބާ ކިޔާފައިވާއިރު ގޫގުލްގެ މިއިންވެސްޓްމަންޓްގެ ސަބަބުން ރާއްޖެއާމެދު މީގެ ކުރިން އުފެދިފައިނުވާ ޔަގީންކަމާއި އިތުބާރު އިންވެސްޓަރުންގެ މެދުގައި އުފެދިގެންދާނެކަން ކަށަވަރެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި