ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާކޮށް ގުގުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނެފިއެވެ.
މެޓުން މިއަދު ނެރުނު މޫސުމީ ސަމާލުގައި ވަނީ އުތުރު އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ފަސް މޭލައި 15 މޭލާ ދެމެދު ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުންވެސް އެކަށީގެންވާ ކަމަށް މެޓުންވަނީ ލަފާކޮށްފައެވެ.
މިއަދުން ފެށިގެން ރާއްޖެއަށް ކޮންމެސް ވަރަކަށް ވިލާ ގިނަވާނެ ކަމަށް މެޓުން ލަފާކޮށްފައިވާއިރު ކުރިއަށްއޮތް ތިން ދުވަހު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވިއްސާރަ އުޅޭ ކަމަށެވެ. އަދި މި ދުވަސްވަރު ވައިވެސް ގަދަ ކަމަށް މެޓުން ބުނެފައިވެއެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް ވައިގަދައިރު ކަނޑުވެސް ގަދަކަން ފާހަގަކުރެވެއެވެ.





