މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އާއްމު ރައްޔިތުން ހޭލުންތެރިކުރުމުގެ ގޮތުން މާލެ ފަސް ސަރަހައްދެއްގައި ފުލުހުން ހާއްސަ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީގެ ފަސް ސަރަހައްދެގައި، މިއަދު ހެނދުނު 7:30 އިން 8:30 އަށެވެ. މި ހަރަކާތުގައި ފުލުހުން ވަނީ މަގު މަތީގައި ނުރައްކާތެރި އެކްސިޑެންޓުތައް ހިނގާފައިވާ ސަބަބުތައް ބަޔާންކޮށް އާއްމުންނަށް ފެންނަ ގޮތަށް ދައްކާލާފައެވެ.
މި މެސެޖުތަކަކީ މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގުމަށް މެދުވެރިވާ ބައެއް ސަބަބުތައް ހިމެނޭ މެސެޖުތަށް ކަމަށް ފުލުހުން ބުންޏެވެ. އަދި މި ހަރަކާތް ކުރިއަށްގެންދިޔައީ ސިނަމާލޭ ބްރިޖާއި، ވެލާނާގޭގެ ކައިރި، ރާއްޖޭގެ އަޑު، ސްޓާ ރެސްޓު ސަރަހައްދާއި ކަސްޓަމްސް ބިލްޑިން ކައިރީގައެވެ.
މި މަހު ނުވަ ވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހުގެ ނިޔަލަށް ފުލުހުން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 54 އެކްސިޑެންޓު ހިނގާފައިވާއިރު އެކްސިޑެންޓު ތަކުގައި އަށް މީހަކަށް އަނިޔާވެފައިވެއެވެ. އަދި 43 އުޅަނދަކަށް ގެއްލުންވެފައިވާކަންވެސް ފާހަގަކުރެވެއެވެ.
ފުލުހުން ވަނީ މަގުމަތީ ނުރައްކާތެރި އެކްސިޑެންޓުތައް ހިނގުމުން ސަލާމަތްވުމަށް މަގަށްދޭންވާ ސަމާލުކަމާއި މަގުމަތީގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. މާލެ ސަރަހައްދުގައި ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދު ގިނަކަން ފާހަގަކުރެވެއެވެ.





