ވިލިމާލެ މަސްޖިދުއް ސަލާމް ހުރި ބިމުގައި 850 މީހުންގެ ޖާގައިގެ އާ މިސްކިތެއް އެޅުމަށް އެއްބަސްވުމެއްގައި ރޭ ސޮއިކޮށްފިއެވެ.
މި މަޝްރޫއު ހަވާލުކޮށްފައިވަނީ ފިޔަ ފައުންޑޭޝަނާއެވެ. އަދި މި މިސްކިތް އިމާރާތް ކުރަނީ ފިޔަ ފައުންޑޭޝަންގެ ދީލަތި އެހީތެރިކަމާއެކުގައި ކަމަށް އިސްލާމީ ވުޒާރާ އިން ބުނެފައިވެއެވެ.
މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރޭ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިލިމާލެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިންނެވެ.
މި އެއްބަސްވުމުގައި އެ ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެކްސްކޯ މެމްބަރު މުހައްމަދު ވިޝާމްއެވެ. އަދި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ.
ޒަމާނީ ފެންވަރަށް ބިނާކުރުމަށް ހަމަޖެހިފައިވާ މި މިސްކިތަކީ ދެ ބުރީގެ މިސްކިތެއްކަމަށްވާއިރު މި މިސްކިތުގައި ނަމާދު ކުރާ ބައިގެ އިތުރުން ދެ ކުލާސްރޫމާއި އޮފީސް ބައެއްވެސް ހިމެނޭނެއެވެ.
އެވުޒާރާއިން ބުނީ މިއީ މާލެ ސަރަހައްދުގައި ހުރި ދުވަސްވީ މިސްކިތްތަކުގެ ބަދަލުގައި ޒަމާނީ އާ މިސްކިތްތައް ބިނާ ކުރުމަށް އިިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު މަޝްރޫއުއެއް ކަމަށެވެ.





