ރާއްޖެ ގެނެވުނު ޑްރެޖާއާއިއެކު މާދަމާ ފޭސް ތިނެއްގައި މަސައްކަތް ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ޑްރެޖާ ޓީއެސްއެޗްޑީ ޕްރިންސް ޑެރް ނެޑާލޭންޑަން މިއަދު ރާއްޖެ ގެނެސްފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ހުޅުމާލެ ފޭސް ތިނެއްގައި މަސައްކަތް ކުރަމުންދާ ޑްރެޖާ ޓީއެސްއެޗްޑީ އޮރަންޖީއާއެކު، މާދަމާ އިން ފެށިގެން ހުޅުމާލެ ފޭސް ތިނެއްގައި މަސައްކަތް ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެހެންކަމުން، ގިރާވަރުގައި ކުރިއަށްދާ ބަންޑު ވޯލްގެ މަސައްކަތްތައް ފެށޭނީ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާއި އެހެނިހެން ރަސްމީ ކަންކަން ނިމުމާއެކުގައި ކަމަށެވެ.
ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނުވަނީ ފާހަގަކުރައްވާފައެވެ.
”އެއަށްފަހު ދެ ޑްރެޖަރުވެސް ގިރާވަރަށް ފޮނުވާނީ، ދޭއް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުގެ މަސައްކަތް ނިންމުމަށެވެ.“ ރައީސް ވިދާޅުވިއެވެ.





