ޗައިނާއިން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ތިން ލައްކައަށް އަރައިފިއެވެ.
ފަތުރުވެރިކަމާބެހޭ ވުޒާރާއިން ނެރެފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މިވަނީ 1،977،342 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިދިޔަ އަހަރު ނިމުން އިރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުވަނީ 2،046،615 ގައިކަން ފާހަގަކުރެވެއެވެ.
މިއަހަރު މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓަށް ބަލާއިރު:
- ޗައިނާ: 308،507 ފަތުރުވެރިން
- ރަޝިއާ: 248،308 ފަތުރުވެރިން
- އިނގިރޭސިވިލާތް: 175،874 ފަތުރުވެރިން
- ޖަރުމަނުވިލާތް: 148،612 ފަތުރުވެރިން
- އިޓަލީވިލާތް: 128،286 ފަތުރުވެރިން މިވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
އެގޮތުން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6539 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު ރިސޯޓު ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 1،455،601 ގައެވެ. އަދި ހޮޓެލް ތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންގެ އަދަދު ވަނީ 50،851 ގައެވެ. ހަމައެހެންމެ ގެސްޓު ހައުސް ތަކުގައި 427،435 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާއިރު ސަފާރީ ތަކުގައި ޗުއްޓީ ހޭދަކޮށްފައިވާ ފަތުރުވެރިންގެ އަދަދު 41،723 އަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.
އެ ވުޒާރާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެހެނިހެން ތަންތަނުގައި ޗުއްޓީ ހޭދަކޮށްފައިވަނީ 1731 ފަތުރުވެރިންނެވެ.
މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިއަނަށް އެރުމާއިއެކު ސަރުކާރުގެ އަމާޒަށް ވާސިލްވުމަށް ދެން ބޭނުންވަނީ ދެ ލައްކައެއްހާ ފަތުރުވެރިންނެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު 2.2 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމެވެ.




