- އިސްތިހާރު -spot_img

ރާއްޖޭގައި ހުރި ހިރިގަލު މިސްކިތްތައް ދުނިޔޭގެ ތަރިކައިގެ ލިސްޓަށްލުމަށް ނިންމައިފި

ދިވެހި ހަލާރަތުގެ ހިރިގަލު ވަޑާމުގެ ފަންނުވެރިކަން ދައްކައިދޭ ހިރިގަލު މިސްކިތައްތައް ޔުނެސްކޯއިން ކަނޑައަޅުއްވާފައިވާ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށްޓަކައި ހުށަހަޅަން ނިންމައިފި ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ބުނީ އަންނަ އަހަރުގެ ލިސްޓަށް މި މިސްކިތް އިތުރުކުރުމަށް އެދި ހުށަހެޅުމުގެ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

އެ ވުޒާރާގެ ދާއިރާގައި ހިމެނޭ ދެ މުއްސަސާ ކަމުގައިވާ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒާއި ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒު ގުޅިގެން ކުރިޔަށް ގެންދާ މި މަސައްކަތުގައި އެ ކަމަށް ބޭނުންވާ ނޮމިނޭޝަން ޑޮޒިއާ ހުށަހެޅުމަށްޓަކައި ކުރަންޖެހޭ އިސްތިރާޖީ މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވެއެވެ.

އެ ވުޒާރާއިން ބުނީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ މަސައްކަތަކީ 2011 ވަނަ އަހަރުން ފެށިގެން ކުރަމުންދާ މަސައްކަތެެއް ކަމަށެވެ. ނަމަވެސް އެކި ސަބަބުތަކާ ހުރެ މިހާތަނަށް އަދި މި މަސައްކަތް ކާމިޔާބު ކުރެވިފައެއްނުވާ ކަމަށްވެސް އެވުޒާރާއިން ބުންޏެވެ.

މި ލިސްޓުގައި ހިމެނުމަށް ފުރަތަމަ ހުށަހެޅީ ފަސް މިސްކިތެކެވެ. އެއީ މާލޭ ހުކުރު މިސްކިތް، ހއ. އިހަވަންދޫ އާސާރީ މިސްކިތް، ރ. މީދޫ ބާ ހުކުރު މިސްކިތް، އދ. ފެންފުށި އާސާރީ މިސްކިތް އަދި ލ. އިސްދޫ އާސާރީ މިސްކިތެވެ.

ދިވެހި ތަރިކަ ދިރާސާކުރާ ގައުމީ މަރުކަޒުން ވަނީ ރަށްރަށުގެ ކައުންސިލްތަކާ ގުޅިގެން ނޮމިނޭޝަން ޑޮޒިއާ އެކުލަވާލުމަށް ބޭނުންވާ މައުލޫމާތު އެއްކޮށްފައިވާއިރު ބަފާ ޒޯނު ކަނޑައެޅުމުގެ މަޝްވަރާ ބައްދަލުވުންތަކެއްވެސް ކައުންސިލްތަކާ އެކު ކުރިއަށް ގެންގޮސްފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާ މައުލޫމާތުދެއެވެ.

އެވުޒާރާއިން ވަނީ ބައެއް ރަށްރަށަށް ޒިޔާރަތްކޮށް ހޯދަން ޖެހޭ ބައެއް މައުލޫމާތާއި މަސައްކަތުގެ ފަންނީ ހެކިތައް އެއްކޮށްފައިވާކަން ފާހަގަކޮށްފައެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތަކީ ރާއްޖޭގެ އަސްލުވަންތަކަމާއި ދިވެހީންގެ ރަށްވެހިކަމުގެ ތާރީހީ ހަގީގަތްތަކުގެ މައްޗަށް ހިރިގަލުގެ ފަންނުވެރިކަން މާނަކުރެވުން ކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޑޮޒިއާ މި މަސައްކަތް ހުށަހެޅޭނެ ކަމަށެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި