އާސަންދަ މެދުވެރިކޮށް 2000ރ އަށް އައިނު ހައްދަން ފެށުނު ފަހުން މިހާތަނަށް ޖުމްލަ 24،499 ފަރާތަކަށް އައިނު ހައްދައިފިއެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނެރެފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އައިނު ހައްދަން އާސަންދަ މެދުވެރިކޮށް 2000ރ ދޭން ފެށިފަހުން ސަރުކާރުން ހޮސްޕިޓަލްމެދުވެރިކޮށް 7382 ފަރާތަކަށް އައިނު ހައްދަދީފައިވެއެވެ. އަދި ޕްރައިވެޓް ހިދުމަތްދޭ ފަރާތްތައް މެދުވެރިކޯށް 17117 ފަރާތަކަށް އައިނު ހައްދާދެވިފައިވެއެވެ.
ހޮސްޕިޓަލް މެދުވެރިކޮށް އައިނު ހެއްދުމަށް ހަރަދުކުރެވިފައިވަނީ ޖުމްލަ 14،764،000ރ ކަމަށް އެންސްޕާއިން މައުލޫމާތު ދީފައިވާއިރު ޕްރައިވެޓް ހިދުމަތްދޭ ފަރާތްތައް މެދުވެރިކޮށް އައިނު ހެއްދުމަށް ހަރަދުކުރެވިފައިވަނީ ޖުމްލަ 32،668،401،71ރކަން އެންސްޕާގެ ތަފާސްހިސާބު ތަކުގައި ވެއެވެ.
އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގައި އައިނު ފިހާރަ ހުޅުވާ މިހާރު ހިދުމަތް ދޭން ފަށާފަވެއެވެ. އަދި މާލޭގެ އިތުރުން ރާއްޖޭގެ ހުރިހާ ޓާޝަރީ ހޮސްޕިޓަލްތަކެއްގައި އައިނު ފިހާރަ ހެދުމަކީ، ސަރުކާރުގެ ސިޔާސަތެއްކެވެ.
މީގެ ކުރިން އައިނު ހެއްދުމަށް އާސަންދަ މެދުވެރިކޮށް ދެމުންދިޔައީ 1000ރ އެވެ. އެ އަދަދު މި އަހަރުގެ ޖޫން މަހު ބޮޑުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.





