ހޮންގްކޮންގްގައި ހުރި ޓަވަރު ތަކެއްގައި ހިނގި އަލިފާނުގެ ހާދިސާގައި މިހާތަނަށް 44 މީހަކު މަރުވެއްޖެއެވެ.
އިއްޔެ ހިނގި މިހާދިސާއަކީ މިހާތަނަށް އެ ގައުމުގައި މީގެ ކުރިން ހިނގާފައި ނުވާވަރުގެ ބޮޑު ހާދިސާއެކެވެ. އަދި ބައެއް ރިޕޯޓްތަކުން މައުލޫމާތު ލިބޭ ގޮތުގައި ގެއްލުނު މީހުންގެ އަދަދު 279 އަށް އަރާފައިވާއިރު ގެއްލުނު މީހުންގެ އަދަދު މިއަށްވުރެވެސް އިތުރުވާނެ ކަމަށް ލަފާކުރެއެވެ.
އެގޮތުން މިހާތަނަށް އަށް ޓަވަރެއްގައި އަލިފާން ހިފާފައިވެއެވެ. އޮފިޝަލުން ބުނީ އަލިފާން ފުރަތަމަ ހިފާފައިވަނީ އެސަރަހައްދު ކައިރީގައި ހުންނަ އޮނިދަނޑެއްގައި ކަމަށެވެ.
އަލިފާނުގެ އަސަރު ކޮށްފައިވާ ސަރަހައްދުގައި އަށް ޓަވަރު ހިމެނޭއިރު އޭގެ ކޮންމެ ޓަވަރެއްގައި 31 ފަންގިފިލާ ހިމެނެއެވެ. އަދި 2000 އަށް ވުރެ ގިނަ އެޕާޓްމަންޓު ހިމެނޭއިރު އެ ޓަވަރުތަކުގައި ޖުމްލަ 4،800 އެއްހާ މީހުން ދިރިއުޅެއެވެ.
އަލިފާންގަނޑު ފެތުރިގެން ދިޔަ ވަގުތު އެހީއަށް އެދި އެތައް ކޯލެއް ލިބުނު ކަމަށް ހޮންކޮންގްގެ ފަޔާ ސާވިސަސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރު ޗަން ޑެރެކް އާމްސްޓްރޯންގް ވިދާޅުވިއެވެ.
އޮފިޝަލުން ބުނީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން މިހާރު ވަގުތީ ހިޔާތަކަށް ބަދަލުކޮށް، އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި މި ޓަވަރުތަކަކީ މަރާމާތުގެ މަސައްކަތްތަކެއް ކުރަމުންދާ ޓަވަރުތަކެއްކަން ފާހަގަކުރެވެއެވެ.




