ބ. އަތޮޅުން ފެށިގެން ލ. އަތޮޅަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާ (މެޓު) އިން، މެދު ރާއްޖެ ތެރެއިން ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 2:00 އިން ރޭގަނޑު 20:00 އަށެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރުންވެސް އެކަށީގެންވާ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މެޓުން ބުނީ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މެޓުން ވަނީ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު މޫސުމަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށްވެސް މެޓުން ބުންޏެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވާކަމަށް މެޓުން މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން ހުޅަނގު ދެކުނާއި ހުޅަނގުން މެދު ރާއްޖެ ތެރޭގެ އަތޮޅު ތަކުގައި ގަޑިއަކު 13 މޭލާ 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކުގައި ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުނެފައިވެއެވެ.
މެޓުން ބުނީ މެދު ރާއްޖެތެރޭގެ ރާޅުގެ އުސްމިނުގައި 5 ފޫޓާއި 7 ފޫޓު ހުންނާނެ ކަމަށާއި، އުތުރު އަދި ދެކުނުގައި ރާޅުގެ އުސްމިން ހުންނާނީ 3 ފޫޓާއި 6 ފޫޓާއި ދެމެދު ކަމަށެވެ.





