ހުޅުމާލެ ފޭސް ތިނެއް ހިއްކަމުންދަނީ އެއް ފަހަރާ ދެޑްރެޖާ ބޭނުންކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
މިދިޔަ އަންގާރަ ދުވަހު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ ގެނެވުނު ޑްރެޖާއާއިއެކު ބުދަ ދުވަހު ފޭސް ތިނެއްގައި މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ޑްރެޖާ ޓީއެސްއެޗްޑީ ޕްރިންސް ޑެރް ނެޑާލޭންޑަން އެދުވަހު ރާއްޖެ ގެނެސްފައިވާ ކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިހާރު ހުޅުމާލެ ފޭސް ތިނެއްގައި މަސައްކަތް ކުރަމުންދާ ޑްރެޖާ ޓީއެސްއެޗްޑީ އޮރަންޖީއާއެކު، މާދަމާ އިން ފެށިގެން ހުޅުމާލެ ފޭސް ތިނެއްގައި މަސައްކަތް ފަށާނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެހެންކަމުން، ގިރާވަރުގައި ކުރިއަށްދާ ބަންޑު ވޯލްގެ މަސައްކަތްތައް ފެށޭނީ އެންވަޔަރަންމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) އާއި އެހެނިހެން ރަސްމީ ކަންކަން ނިމުމާއެކުގައި ކަމަށެވެ. އަދި ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތް އަންނަ މަހުގެ ނިޔަލަށް ނިމޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
”އެއަށްފަހު ދެ ޑްރެޖަރުވެސް ގިރާވަރަށް ފޮނުވާނީ، ދޭއް ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ގިރާވަރުގެ މަސައްކަތް ނިންމުމަށެވެ.“ ރައީސް ވިދާޅުވިއެވެ.





