ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ރާއްޖެއިން 50،000 ޑޮލަރާއި 25،000 މަސްދަޅު ކޭސް ދިނުމަށް ނިންމައިފިއެވެ.
ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މި ނިންމުމަކީ”ޑިޓްވާ“ ތޫފާންގެ ސަބަބުން ސްރީލަންކާގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި، އެ ގައުމުގެ ރައްޔިތުންނަށް ލިބިފައިވާ ގެއްލުންތަކާއި ދަތިތަކުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރުން ނިންމި ނިންމުމެއް ކަމަށެވެ.
އެވުޒާރާއިން ބުނީ މި އެހީތެރިކަން ރަމްޒުކޮށްދެނީ ރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ގައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބި ކަން ކަމަށެވެ. އަދި ސްރީލަންކާ ސަރުކާރުން ކުރަމުންދާ މަސައްކަތަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ލިބޭނެކަމަށް އުއްމީދު ކުރާ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.
ތޫފާން ޑިޓްވާގެ ސަބަބުން ސްރީލަންކާއިން މަރުވި މީހުންގެ އަދަދު ވަނީ 123 އަށް އަރާފައެވެ. އަދި ގެއްލިފައިވާ މީހުންގެ އަދަދު 130 އަށް އަރާފައިވާއިރު މި އަދަދު އިތުރުވާނެ ކަމަށްވެސް އޮފިޝަލުން މައުލޫމާތޫ ދީފައިވެއެވެ.
ވޭތުވެދިޔަ ހަފްތާގައި ސްރީލަންކާއަށް 300 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު މިތޫފާނުގެ ސަބަބުން ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސްރީލަންކާގެ އެކި ހިސާބުތަކަށް އަސަރު ކުރާނެ ކަމަށް އެގައުމުގެ މޫސުމާބެހޭ އިދާރާއިން ބުންޏެވެ.
ތޫފާނުގެ ސަބަބުން ގިނަ މަގު ބަންދުކުރަންޖެހިފައިވާއިރު ސްކޫލުތަކާއި އޮފީސްތައްވެސް ބަންދުކޮށްފައިވެއެވެ.




