”ޑިޓުވާ“ ތޫފާނު މިހާރު ހުރީ ހއ. ތުރާކުނުގެ އިރު އުތުރުން ގާތްގަނޑަކަށް 875 ކިލޯމީޓަރު ދުރުގައި ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓު) އިން ބުނެފިއެވެ.
މެޓުން ބުނީ މި ތޫފާނުވަނީ ސްރީލަންކާގެ އުތުރު އައްސޭރިފަށާއި ބޭ އޮފް ބެންގާލްގެ ހުޅަނގު ދެކުނު ސަރަހައްދުގައި ކަމަށެވެ. އަދި މި ތޫފާން ދަތުރު ކުރާނެ ކަމަށް ލަފާކުރެވެނީ އުތުރު ހުޅަނގު އުތުރަށް، ރާއްޖެ އާއި ދުރަށް ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
މާދަމާގެ ހެނދުނުގެ ވަގުތެއްގައި މިތޫފާން އިންޑިއާގެ އުތުރު ޓަމިލްނާޑޫ. ޕޫޑޫޗެރީ އަދި އަންދްރަ ޕްރަދޭޝްގެ ދެކުނު އައްސޭރި ފަށަށް ޖެހޭނެ ކަމަށްވެސް މެޓުން ލަފާކޮށްފައިވެއެވެ.
މިތޫފާނާއި ގުޅިގެން ކުރިއަށް އޮތް 24 ގަޑިއިރުވެސް، ހާއްސަކޮށް މެދު ރާއްޖެ ތެރޭގެ އެކި ހިސާބުތަކަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
ޑިޓުވާ ތޫފާނުގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ސްރީލަންކާއިން މިހާތަނަށް 123 މީހަކު މަރުވެފައިވާއިރު 130 މީހަކު ވަނީ ގެއްލިފައެވެ. މި ހާދިސާގައި ގެއްލުނު މީހުންގެ އަދަދު އިތުރުވާނެ ކަމަށް ސްރީލަންކާގެ އޮފިޝަލުން މައުލޫމާތު ދީފައިވެއެވެ.
އަލްޖަޒީރާއިން ބުނީ މިއީ މިހާތަނަށް ސްރީލަންކާއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި އެއް ހާދިސާ ކަމަށެވެ. އަދި ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ވާރޭ ވެހުން އިތުރުވާނެ ކަމަށްވެސް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ.
ސްރީލަންކާއަށް ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ހާދިސާގައި އެހީތެރިކަން ބޭނުންވެފައިވާ ދިވެހިންނަށް އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް ދިވެހި ހައިކޮމިޝަނުން ފަށާފައިވެއެވެ.
ނަމަވެސް ސްރީލަންކާ ރައްޔިތަކު މިނޫހައަށް މައުލޫމާތު ދިން ގޮތުގައި ބުނީ މިހާރު ވިއްސާރައިގެ އަސަރު ކުޑަވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތިން ދުވަހު މޫސުން އެއްކޮށް ރަނގަޅުވާނެކަމަށްވެސް އޭނާ ބުންޏެވެ.





