ސްރީލަންކާގައި ބޯކޮށްވާރޭވެހުމުގެ ސަބަބުން ފެންބޮޑުވި ހާދިސާގައި މިހާތަނަށް 153 މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުން ބުނެފިއެވެ.
ސްރީލަންކާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިހާތަނަށް 153 މީހަކު މަރުވެފައިވާއިރު 191 މީހަކު ގެއްލިފައިވާ ކަމަށެވެ. އަދި 770،000 ހިސާބަތަކަށް އަސަރުކޮށްފައިވާ ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. މީގެ އިތުރުން މުސްކުޅިން ދިރިއުޅެމުންދާ ތަނެއްގައި ތިބި 25 މީހުންގެ ތެރެއިން 11 މީހަކު މަރުވެފައިވާ ކަމަށާއި، އޭގެ ތެރެއިން 14 މީހަކު ސަލާމަތްކޮށްފައިވެއެވެ.
މީގެ ހަތް ގަޑިއިރު ކުރިން ސްރީލަންކާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޭންޑީއިން 51 މީހަކު މަރުވެފައިވާއިރު ބަޑުލާއިން 35 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ކެގައްލޭ އިން ނުވަ މީހަކާއި މަޓަލޭއިން އަށް މީހަކު މަރުވެފައިވާ ކަމަށެވެ. ހަމައެހެންމެ ނުވަރަ އެލިއާއިން ހަ މީހަކު މަރުވެފައިވާކަން ފާހަގަކުރެވެއެވެ.
ހަމައެހެންމެ 100،000 އާއި ގާތްކުރާ އަދަދަކަށް ގެތަށް ސުންނާފަތިވެފައިވާ ކަމަށްވެސް އެގައުމުން ބުންޏެވެ. މީގެ އިތުރުން 206 މަގެއް އެއްކޮށް ހަލާކުވެފައިވާއިރު 10 ބުރިޖަކަށްވެސް ގެއްލުންވެ، ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވެއެވެ. އަނުރަދަޕޫރަ އާއި ނުވަރަ އެލިޔާ ސަރަހައްދަށް ދާ މަގުތައްވެސް ފެންބޮޑުވެފައިވެއެވެ.
ސްރީލަންކާއަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެއާއި، ޗައިނާގެ އިތުރުން އިންޑިއާ އަދި ޕާކިސްތާނުވެސް ހިމެނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެންމެ ނުރައްކާތެރި ހިސާބުތަކަކީ ފަރުބަދަ ހިމެނޭ ސަރަހައްދުތަކެވެ. އެގައުމުން ވަނީ ފަރުބަދަކައިރީ ދިރިއުޅޭ ފަރާތްތަކަށް ސަމާލުވުމަށްވެސް އިލްތިމާސްކޮށްފައެވެ.




