މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ކޯސްޓްގާޑުގެ ހުރަވީއިން ރާއްޖެއިން ބޭރަށް ކުރި ފުރަތަމަ ރަސްމީ ދަތުރުގައި ސްރީލަންކާއަށް ދަތުރުކޮށްފިއެވެ.
އެމްއެންޑީއެފްއިން ނެރުނު ބަޔާނެއްގައި ބުނީ ސްރީލަންކާ ނޭވީއަށް 75 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތް ތަކުގައި ބައިވެރިވުމަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީ ސްރީލަންކާއަށް ކުރި މި ދަތުރުގައި، ސްރީލަންކާގައި ބޭއްވި އިންޓަނޭޝަނަލް ފްލީޓް ރިވިއު (އައިއެފްއާރް2025)ގައި ބައިވެރިވެފައި ވާ ކަމަށެވެ.
މި ދަތުރަކީ އަސްކަރީ ހަރަކާތެއްގައި ބައިވެރިވުމަށް ލިބުނު ދައުވަތަކަށް ރާއްޖެއިން އެހެން ގައުމަކަށް އެމްއެންޑީއެފްގެ އުޅަނދެއް ކުރި ފުރަތަމަ ދަތުރުކަން ފާހަގަކުރެވެއެވެ.
ސްރީލަންކާގެ ވެރިރަށް، ކޮލޮމްބޯގައި މިދިޔަ މަހު 30 ވަނަ ދުވަހު ކުރިއަށްދިޔަ މި ފްލީޓް ރިވިއުގައި ދުނިޔޭގެ 20 ގައުމަކުން ބައިވެރިވެފައިވެއެވެ. އަދި އޭގެ ތެރޭގައި ރާއްޖެއާއި ސްރީލަންކާގެ އިތުރުން، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، މެލޭޝިއާ، ރަޝިއާ އަދި އީރާން ފަދަ ގައުމުތަކުގެ ކަނޑުގެ އުޅަނދުތައް ހިމެނެއެވެ.
ފްލީޓް ރިވިއު ކުރިއަށްގެންގޮސްފައިވަނީ މިދިޔަ މަހުގެ 27 އިން ފެށިގެން 30 ގެ ނިޔަލަށެވެ. އަދި މި ހަރަކާތްތަކުގެ ތެރެއިން ސެރެމޯނިއަލް ފްލީޓް ރިވިއުއާއި ސިޓީ ޕެރޭޑާއި ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކާއި ޕްރޮފެޝަނަލް ނޭވަލް އެކްސްޗޭންޖް ތަކުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ސިފައިން ބައިވެރިވެފައިވެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީ ސްރީލަންކާ އަށް ކުރި ރަސްމީ މިދަތުރުގައި، ސްރީލަންކާގެ ނޭވީ ކޮމާންޑާ، ވައިސް އެޑްމިރަލް ކަންޗަނާ ބަނަގޮޑާ، އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީއަށް ޒިޔާރަތްކޮށް އެ ޝިޕްގެ ކޮމާންޑިން އޮފިސާ، ލެފްޓިނެންޓް ކާނަލް އަހުމަދު ނާފިއުއާއި ޝިޕްގެ ސިފައިންނާ ބައްދަލުކުރައްވާފައިވެއެވެ.
ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ ފެންބޮޑުވުމުގެ ގުދުރަތީ ކާރިސާގައި، ދޭންޖެހޭ އިންސާނީ އެހީތެރިކަމާއި ޑިޒާސްޓާ ރިލީފް ސަޕޯޓް ފޯރުކޮށްދިނުމުގައި އެ ޝިޕުން ތައްޔާރަށް އޮތްކަން ސްރީލަންކާގެ ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީން ސްރީލަންކާއަށް ކުރި ރަސްމީ ދަތުރުން ރަމްޒުކޮށްދެނީ، ދިވެހިރާއްޖެއާއި ސްރީލަންކާއާ، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، އިންޑިއާ ކަނޑުގެ ސަރަޙައްދުގައި، މެރިޓައިމް ސެކިއުރިޓީއަށް ކުރެވޭ މަސައްކަތްތަކުގައި ދިވެހިރާއްޖެއިން ދޭ އަހަންމިއްޔަތާއި ދޭ އެއްބާރުލުން ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.





