ހަގީގީ ހާދިސާއަކުން ލިބޭ ގެއްލުމަކަށް ވުރެ ނޭނގި ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން ލިބޭ ގެއްލުންތައް މާ ބޮޑުވާނެ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ބެޗްލާ އޮފް އާޓްސް އިން މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހުގެ ދަރިވަރުންތަކެއް އިސްނަގައިގެން ކުރިއަށްގެންދާ ”ނޯ ކެޕް ޖަސްޓް ފެކްޓްސް“ ކެމްޕެއިންގެ ދަށުން ލިބޭ މައުލޫމާތުގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދިނުމަށް އިއްޔެ ބޭއްވި ބޮޑު ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ފަދަ މުޖުތަމައުއެއްގައި ”ނޯ ކެޕްސް ޖަސްޓް ފެކްޓްސް“ގެ ނަމުގައި ކެމްޕެއިނަކަށް އިސްނެގުމަކީ, ރަނގަޅު ފެށުމެއް ކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މީގެ ޒަމާންތަކެއް ކުރިން 100,000 މީހުންނަށް ވާހަކައެއް ހިއްސާކުރަން އަހަރު ދުވަސްނެގިނަމަވެސް އެއް ސިކުންތުގެ ތެރޭގައި މިހާރު އެކަން ހާސިލްވާ ކަމަށެވެ.
ވަޒީރު ވިދާޅުވީ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް ފަހިވެފައި ވަނީ ރަނގަޅު ފުރުސަތެއް ކަމަށާއި، އެ ހައްގުގެ ބޭނުން ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް އިލްތިމާސްވެސް ކުރައްވާފައިވެއެވެ. އަދި މި ފޯރަމްގެ ތެރެއިން ނޭނގި ފަތުރާ ދޮގު މައުލޫމާތާއި ގަސްތުގައި ފަތުރާ ދޮގު މައުލޫމާތުގެ ތަފާތާއި އެ ފަދަ މައުލޫމާތުތައް ދެނެގަންނާނެ ގޮތްތައްވެސް އެމަނިކުފާނު ހިއްސާ ކުރައްވާފައިވެއެވެ.
މި ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސް (އެފްއޭ) ގެ ޑީން އާސިމް އަބްދުއްސައްތާރު ވިދާޅުވީ ދުނިޔޭގައި ކަންކަން ބަދަލުވާ ވަރަކަށް ޔުނިވާސިޓީ ތަކުގައި ކިޔަވައިދޭ ކޯސްތަކަށް ވެސް ބަދަލު އަންނަން ޖެހޭ ކަމަށެވެ. އަދި އެމްއެންޔޫގައި މީގެ ކުރިން ނޫސްވެރިން ތަމްރީނުކުރަމުން ދިޔަ ކޯސް, ޖާނަލިޒަމް ކޯހަށް ބަދަލުތަކެއް ގެނެސް, އަލަށް މި ފެށި މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ކޯހަކީ އެ އުސޫލުން ގެނައި ބަދަލެއް ކަމަށްވެސް އާސިމް ވިދާޅުވިއެވެ.
އެ ބެޗުގެ ޑިގްރީއަށް މިހާރު ކިޔަވަމުން އަންނަ ދަރިވަރުންނަކީ އެމްއެންޔޫގެ ތާރީހުގައި މުހިއްމު ސަފުހާއެއްގައި ތިބި ދަރިވަރުންތަކެއްކަން ފާހަގަކުރައްވާ އާސިމް ވިދާޅުވީ ޔުނިވާސިޓީގައި ކިޔަވައިދޭ އެއްޗެހި ދަސްކޮށް, އަމަލީ މައިދާނުގައި އެ ބޭނުންކޮށް އަދި އިތުރަށް މުޖުތަމައުއަށް ފައިދާ ހުރި ކަންކަން ކޮށްދިނުމަކީ މުހިއްމު ބޭނުމެއް ކަމަށެވެ.
މި ޕެނަލް ޑިސްކަޝަންގައި ބައިވެރިވީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭގެ) ގެ އެކްސްކޯ މެންބަރު މުހައްމަދު މާހިލް އާއި ވިމެން އިން ޓެކްގެ ފައުންޑާ އާއިޝާ އަދުނާން އާއި އެމްއެންޔޫގެ ވިޒިޓިން ލެކްޗަރާ އަހްމަދު އަފްރު ރަޝީދު އަދި އައިކޮމްގެ ކުރީގެ ލީގަލް ޑިރެކްޓަރު އާއިޝަތު އިޝާއެވެ.
ދޮގު މައުލޫމާތު ފެތުރުން މަދުކުރުމަށް ސްކޫލު ނިންމާ ދަރިވަރުންނާއި ކޮލެޖު/ޔުނިވާސިޓީތަކުގައި ކިޔަވަމުން އަންނަ ދަރިވަރުން ހޭލުންތެރިކުރުވުމަކީ މި ކެމްޕެއިނުގެ މައިގަނޑު މަގްސަދުކަމަށްވާއިރު މި ފޯރަމްގައި މާލޭގެ އެކި ސްކޫލުތަކާއި އެމްއެންޔޫގެ އެކި ކޯސްތަކުގެ ދަރިވަރުންނާއެކު 80 އެއްހާ ދަރިވަރުން ބައިވެރިވވެފައިވެއެވެ.
މި ފޯރަމްގެ ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވުނު ދަރިވަރަކީ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުގައި ގްރޭޑު 12 ގައި ކިޔަވަމުން އަންނަ ދަރިވަރު އައިޝަތު އަޒްހާ އަހުމަދެވެ. އޭނާ އަށް އިނާމެއްގެ ގޮތުގައި ލެޕްޓޮޕެއް ދީފައިވެއެވެ.





