ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަހުމަދު މަހުލޫފް މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައިސް ޑރ. މުހައްމަދު މުއިއްޒު ޖަޕާނުގެ ސަފީރުކަމަށް މަހުލޫފު އައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ޖަޕާނަށް ކަނޑައަޅުއްވާ ސަފީރަކަށް މަހުލޫފު އައްޔަންކުރުމާ މެދު ރައްޔިތުންގެ މަޖިލީހުންގެ ރުހުން ހޯއްދެއްވުމަށް ރައީސް، މިދިޔަ މަހުގެ 26 ވަނަ ދުވަހު ހުށަހަޅުއްވާފައިވާއިރު އެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީއަށް އެ ދުވަހު ރިޔާސަތުން ފޮނުވާފައިވެއެވެ.
މަހުލޫފަށް ވޯޓު ދެއްވާފައިވަނީ އިދިކޮޅު ޕާޓީގެ މެންބަރުންގެ ވޯޓާއެކުއެވެ. އަދި މަހްލޫފް ޖަޕާނުގެ ސަފީރަކަށް އައްޔަންކުރުމަށް 60 މެންބަރަކު ވޯޓުދީފައިވާކަން ފާހަގަކުރެވެއެވެ.
މަހުލޫފަކީ މިދިޔަ ސަރުކާރުގައި ޔޫތު މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި މަޖިލިސް މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކުރެވެއެވެ.
ސިޔާސީ ދާއިރާގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ މަހުލޫފު އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމްގެ ޑީއާރުޕީ އަށެވެ. އޭގެ ފަހުން އެމްޑީޕީ އާއި ގުޅިވަޑައިގެން ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކޮށް ދެއްވުމަށްފަހު އެމްޑީޕީން ވަކިވެ ވަޑައިގެން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާއި ގުޅިވަޑައިގެންނެވިއެވެ.





