އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތީގެ ނެޓްވޯކެއްގެ އިސްފަރާތެއް ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ”އޮޕަރޭޝަން އަލިމަގު“ ގެ ތެރެއިން، އައްޑޫ ސިޓީގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުން ދިޔަ ނެޓްވޯކެއްގެ އިސްފަރާތްތައް ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި ނެޓްވޯކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާ ކުރުމުގެ އިންވެސްޓިގޭޝަނެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާޗް މަހުން ފެށިގެންނެވެ. ފުލުހުން ބުނީ މި ނެޓްވޯކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަން ހޯދިފައިވާ ކަމަށެވެ.
ފުލުހުން ބުނީ ފާއިތުވި ފަސް އަހަރު މި ނެޓްވޯކްގެ އިސް ހަތަރު މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނަކީ މިހާރުވެސް ކުރިއަށްދާ އޮޕަރޭޝަނަކަށްވުމާއި މައްސަލައިގެ ތަހުގީގު ކުރިއަށްދާ މިންވަރަކުން އިތުރު މައުލޫމާތު ހިއްސާކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.
”އޮޕަރޭޝަން އަލިމަގު“ އަކީ މިދިޔަ މަހުގެ 13 ވަނަ ދުވަހު މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ފެށި ހާއްސަ އޮޕަރޭޝަނެއް ކަމަށްވާއިރު މި އޮޕަރޭޝަންގައި މިހާތަނަށް 110 މީހުން ހައްޔަރުކޮށް 29.68 ކިލޯގެ ޑްރަގް ފުލުހުން ހޯދާފައިވެއެވެ.





