- އިސްތިހާރު -spot_img

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ރިޕޯޓްކުރުމަށް ހުޅުވާލުމުން، މިހާތަނަށް 125 މައްސަލައެއް ހުށަހަޅައިފި

ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީންނާ ގުޅޭ މައުލޫމާތު ރިޕޯޓް ކުރުމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ކުރި އިއުލާނާ ގުޅިގެން މިހާތަނަށް 125 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް އެ ވުޒާރާއިން ބުނެފިއެވެ.

އެވުޒާރާއިން ބުނީ އެގޮތުން މިހާތަނަށް 125 މައްސަލައެއް ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި 20 ކެފޭއަކާއި 12 ރީޓެއިލް އައުޓްލެޓް އަކާއި ދެ ގަރާޖު އަދި އެއް ގެސްޓްހައުސް ހިމެނޭހެން ޖުމްލަ 35 ތަނެއް އިންސްޕެކްޓުކޮށް 11 ވިޔަފާރިއެއް ބަންދުކުރެވިފައިވާ ކަމަށެވެ.

އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ކަމުގެ ޝަކުވާ ހުށަހެޅުމަށް އެ ވުޒާރާއިން ކުރި އިއުލާނާއި ގުޅިގެން ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި އެ ވުޒާރާ ހިމެނޭހެން ގައުމީ ފެންވަރުގައި އެކުލާވާލާފައިވާ ނޭޝަނަލް ޓާސްކްފޯސްއިން ދަނީ ވިޔަފާރިތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

މި އިންސްޕެކްޝަންތަކުގެ މައިގަނޑު މަގްސަދަކީ ދިވެހިން ނިވާފަތްގަނޑަކަށް ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި އަދި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަ ނުދޭ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތައް ހުއްޓުވުން ކަމަށްވެސް އެ ވުޒާރާއިން ބުންޏެވެ.

މީގެ އިތުރުން ގާނޫނާއި ގަވާއިދާ ހިލާފުވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެފައިވެއެވެ.

ހަމައެހެންމެ ވިޔަފާރި ބަންދުކުރުމަށް ނޯޓިސްތައް ދީފައިވާ ސަބަބުތަކުގެ ތެރޭގައި ވިޔަފާރީ ކުރުމުގެ ހުއްދަ ނެތުމާއި ދުންފަތުގެ ބާވަތް ވިއްކުމުގެ ހުއްދަ ނެތުން ހިމެނޭ އިރު ދިވެހިން ނިވާފަތްގަނޑަކަށް ބޭނުންކޮށްގެން ބިދޭސީން ހިންގަމުންދާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތްތަކާއެކު މަސައްކަތް ކުރަމުންދާ ކަމަށް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާ ބުންޏެވެ.

އެ ވުޒާރާއިން ވަނީ ބިދޭސީން ގަވާއިދާ ހިލާފަށް ވިޔަފާރި ހިންގާކަމުގެ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން ރޭގަނޑު 20:00 އާއި ދެމެދު އެ ވުޒާރާގެ ނަމްބަރު 3333199 އާއި ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް އެދިފައެވެ. އަދި އެ ވުޒާރާގެ ވެބްސައިޓު މެދުވެރިކޮށް ކޮންމެ ވަގުތެއްގައިވެސް ރިޕޯޓް ކުރެވޭނެ ގޮތް ހަމަޖެހިފައިވާކަންވެސް ފާހަގަކުރެވެއެވެ.

އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވުޒާރާއިން ވަނީ ރިޕޯޓްކުރުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރޭގައި ތަފްސީލު އަދި ސައްހަ މައުލޫމާތު އާއްމުން ފޯރުކޮށްދިނުމަށް އެދިފައެވެ. އަދި އާއްމުންގެ ފަރާތުން މިފަދަ ކަންކަމުގައި ލިބޭ އެހީތެރިކަމަށް ޝުކުރު އަދާކޮށް އެ ވުޒާރާއިން ވަނީ މިފަދަ ފިޔަވަޅުތަކުގެ ސަބަބުން ގަވާއިދުތަކަށް އަމަލުކުރާކަން ކަށަވަރުކޮށް ގާނޫނާ ހިލާފު ހަރަކާތްތައް ހުއްޓުވާއި ރާއްޖޭގައި ވިޔަފާރިތައް ހިންގުމަށްޓަކައި އިންސާރުވެރި އަދި ވާދަވެރި ވިޔަފާރީގެ މާހައުލެއް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ދީފައެވެ.

spot_img

އެންމެފަސް

ގުޅުންހުރި
ގުޅުންހުރި