ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ރ. އަލިފުށީގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ އަލިފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އެރަށު ކައުންސިލު ގުޅިގެން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ މިމަހު އެއްވަނަ ދުވަހުން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އޮޕަރޭޝަނެއް ކަމަށެވެ.
މި އޮޕަރޭޝަންގެ ތެރެއިން ގަވާއިދާ ހިލާފަށް އަލިފުށީގައި އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ފަރާތްތައް ދެނެގަނެ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާއިރު ކަމާ ގުޅުންހުރި އިދާރާތަކާ މައުލޫމާތު ހިއްސާކުރުމާއި އިދާރާތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.
ފުލުހުން ބުނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަނާ ހަވާލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކައުންސިލާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށާއި. މި މަސައްކަތުގައި މައުލޫމާތު އެއްކޮށް ބިދޭސީންގެ ދަފްތަރެއް އެކުލަވާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ހަމައެހެންމެ ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގެ ހާލަތު ދެނެގަތުމާއި އެތަންތަނުގެ ވެރި ފަރާތްތަކަކީ ކޮބައިތޯ ބެލުމާއި ޒިންމާދާރު ގޮތެއްގައި އެފަދަ ތަންތަން ދޫކުރުމަށް ބާރުއަޅައި އިރުޝާދު ދިނުމަށް މި އޮޕަރޭޝަންގެ ތެރެއިން ކުރިއަށްގެންދާނެ ކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގެ ތެރެއިން އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރިއަށްގެންދާއިރު ހިއުމަން ޓްރެފިކިން އަދި މަނީ ލޯންޑާ ފަދަ ޖިނާއީ ކުށެއް ފާހަގަވެއްޖެނަމަ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަކީވެސް މި އޮޕަރޭޝަނުގެ ތެރެއިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެ ކަމަށެވެ.
ފުލުހުން ބުނީ އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ ތެރެއިން މިހާތަނަށް 74 ބިދޭސީއެއްގެ މައުލޫމާތު އެއް ކުރެވިފައިވާ ކަމަށެވެ. އަދި އެއްވެސް ލިޔެކިޔުމެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދާ ތިން ބިދޭސީއެއް ފާހަގަކުރެވިފައިވާއިރު ބިދޭސީން ދިރިއުޅޭ ދެ ތަނެއް ބަލައިފާސްކޮށް، އެއް ވިޔަފާރިއެއްގެ މައުލޫމާތު ނަގާފައިވާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.





