ގަވާއިދާ ހިލާފަށް މާލެ ސަރަހައްދުގައި، ގިނަ ދުވަސްވަންދެން ޕާކް ކޮށްފައިވާ އުޅަނދުތައް ނަގަނީ ރައްޔިތުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ ލިބޭތީ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް، ގިނަ ދުވަސްވަންދެން ޕާކް ކޮށްފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަން ފެށުމާއި ގުޅޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ހުޅުމާލޭގެ އެކި ހިސާބުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން، ގަވާއިދާ ހިލާފަށް ޕާކް ކޮށްފަ ހުރި ވެހިކަލްތައް ގިނަވެ، އެކަމުގެ ޝަކުވާ ހުޅުމާލޭގައި ދިރިއުޅުއްވާ ރައްިތުންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަށް ލިބިވަޑައިގެންފައިވާތީ ކަމަށެވެ. އަދި ދައުލަތުގެ އެކި އިދާރާތަށް ގުޅިގެން މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެފަދަ އުޅަނދުތައް ނެގުމުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަޒީރުވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުން ބުނީ ހުޅުމާލެއަކީ ހުޅުމާލޭގެ ދިރިއުޅޭ ރައްޔިތުންނާއި ހުޅުމާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށާއި މަގުމަތި ތަރުތީބުކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ފަށާފައިވާ ޓޯވް އޮޕަރޭޝަނުގައި 24 ގަޑިއިރުގެ ތެރޭގައި ޖުމްލަ 252 އުޅަނދެއް ޓޮވް ކޮށްފައިވާ ކަމަށެވެ. އަދި މި އުޅަނދުތައް މިހާރު ތިލަފުއްޓަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ހުރިހާ އުޅަނދުތަކަކީވެސް ބައުވެ، ގިނަ ދުވަސްތަކެއް ވަންދެން މަގު ތަކުގައި ބޭނުންނުކޮށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެން ޒޯންތަކަށް ރަޖިސްޓްރީކޮށްފައިވާ އަދި އެއްވެސް ގޮތަކަށް ރަޖިސްޓްރީ ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކެއްކަން ފާހަގަކުރެވެއެވެ.





